ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 07:22
ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ހަވާޓޭޒް
ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ހަވާޓޭޒް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޖަރުމަނު ބޮޑު "ތަދެއްގައި"، އުއްމީދަކީ ސްޕެއިން މެޗުން ނަތީޖާ ނެރުން
މެޗާ ދޭތެރޭ މާބޮޑަށް ވިސްނުމުގެ ބޭނުމެއްވެސް ނެތް، ޖެހޭނީ މޮޅުވާން

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗަށް ނުކުންނައިރު ޖަރުމަނުގެ ކުޅުންތެރިން ތިބީ ބޮޑު "ތަދެއްގައި" ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ކައި ހަވާާޓޭޒް ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ ޖަޕާން އަތުން ބަލިވެފައެވެ. އެއީ އެ މެޗުގައި ޖަރުމަނުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށެވެ. އެ މެޗަށްފަހު ޖަރުމަނުގެ ކޯޗު ހަންސީ ފްލިކްވެސް ވަނީ ވަރަށް ބޮޑަށް އެ ވާހަކަ ދައްކާފައެވެ.

ދެވަނަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ހަވާޓޭޒް ބުނީ، ޖަޕާން މެޗުގެ ވާހަކައަކީ އޭނާއަށް ދައްކަން އުނދަގޫ ވާހަކައެއް ކަމަށެވެ. މެޗުގެ ސްޓެޓިސްޓިކްސްއިން އެކަނި ވާހަކަ ދެއްކެން ނެތް ކަމަށެވެ. އެހެން ގޮތަކުން ބަލާނަމަ ފާއިތުވި އަހަރުތަކުގައި ޖަރުމަނަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓީމުގެ ކޯޗު ބަދަލުވެ، އައު ކުޅުންތެރިންތަކެއް ޓީމާ ގުޅުނުކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް އޭނާ ބުނީ ކޮންމެ ކުޅުންތެރިއެއްގެވެސް ރޯލެއް އޮންނަ ކަމަށެވެ.

ހަވާޓޭޒް ބުނީ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް ބޮޑު މެޗެއް ކަމަށެވެ. މެޗާ ދޭތެރޭ މާ ބޮޑުކޮށް ވިސްނުމުގެ ބޭނުމެއްވެސް ނެތް ކަމަށާއި، ހަމައެކަނި ގޮތަކީ މޮޅުވުން ކަމަށެވެ. އޭނާ ބުނީ މުޅި ޓީމު އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި، އެންމެން ވެސް ތިބީ ޕޮސިޓިވް ވިސްނުމެއްގައި ކަމަށެވެ. އެ ވާހަކަ ދައްކަން އިށީނދެ އިންނަނީވެސް އުނދަގޫ އިހުސާސަކާއެކު ކަމަށާއި، ނަމަވެސް ފަސް ބަލުމެއް ނެތި ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

އަހަރުމެން މިހާރު މިތިބީ ގޯސް ހިސާބެއްގަ. އެކަމަކު އަހަރެންނަށް ހީވަނީ އެ ހާލަތު ވަރަށް އަވަހަށް ބަދަލު ކުުރެވިދާނެހެން. އަހަރުމެންނަށް ސްޕެއިން މެޗުން މޮޅުވެވިއްޖެނަމަ. އަހަރެންނަށް ހީވަނީ މުޅި މިސްރާބު އެނބުރޭނެ ކަމެއްހެން އެއީ. ދެން އަހަރުމެން މިހާރު މިތިބީ ހަމަ މެޗައިގެން ކުރިއަށް ދާން. އެއީ ބޮޑު މެޗެއް.
ކައި ހަވާާޓޭޒް / ޖަރުމަނުގެ މިޑްފީލްޑަރު

ސްޕެއިން މެޗަށް ނުކުންނައިރު، ޖަރުމަނު އޮތީ އުނދަގޫ ހާލަތެއްގައެވެ. ފުރަތަމަ މެޗުން ބަލިވެފައިވުމުން، މުބާރާތުގައި ކުރިއަށް ދާން އެ ޓީމަށް ވަނީ ސްޕެއިން ބަލިކުރުން މަޖުބޫރުވެފައެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުންވެސް ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

- ކޮމެންޓް