ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 14:59
މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ
މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ
ރާއްޖެއެމްވީ
ޓީޗަރުންގެ މުސާރައަށް އައި ބަދަލު
ޓީޗަރުންގެ މުސާރަ ބޮޑުވުން – ވައުދުވެ ވައުދު ފުއްދާނެކަމުގެ ހެއްކެއް
މިހާރު ލިބޭ އެއްޗަކުން ކޮންމެ މަހަކުވެސް ވަރަށް ބޮޑު އެއްޗެއް ރައްކާކޮށްގެން އަމިއްލަ ދިރިއުޅުމަށްޓަކައި އިތުރު މަސައްކަތްކުރާނެ ފުރުސަތުތަކެއް ފަހިވެގެންދިޔަ
މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރަ ވަނީ ބޮޑުވެފައި
އެތަކެއް ޒަމާންތަކެއް ވަންދެން މުސާރަ ބޮޑުނުވުމާއި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ސިސްޓަމްގެ ތެރެއިން ނުކުތް އެތައްބަޔަކު އަނބުރާ ސިސްޓަމްގެ ތެރެއަށް އަންނަން މަސައްކަތް ވަނީ ފަށާފައި

ޓީޗަރުން އުދާސްތަކަށް ތަސައްލީ ގެނުވައި، އަމަލާއި ބަހުން ސަރުކާރުގެ ތަފާތުކަން ވަނީ ދައްކާލާފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީ ވެސް، ޓީޗަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ދޭނެ ކަމުގެ ވައުދާ އެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ވައުދު ފުއްދަވާނެ ތާރީޚެއް އިޢުލާނު ކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ އެތަކެއް ހާސް މުވައްޒަފުންނެއްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހިލިގެން ދިޔައީ، މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެ، އެ ތާރީޚު އިޢުލާނު ކުރެއްވުމުންނެވެ.

މެއި 1 ވަނަ ދުވަހަކީ އެ ވައުދު ފުއްދަވާ މަންޒަރު ފެނިގެން ދިޔަ ދުވަހެވެ. އެ ދުވަހު ރައީސް ވިދާޅުވި ބަސްފުޅަކީ، އަދި އިޢުލާނު ކުރެއްވި ތާރީޚަކީ، އޮޅިގެން ވިދާޅުވެވުނު ތާރީޚަކާއި ބަސްފުޅެއް ކަމަށް ސިފަކޮށް، ރައްޔިތުންނަށް އޮޅުވައިލާން ބަޔަކު ކުރަމުން ދިޔަ މަސައްކަތަށް ނިމުމެއް ގެންނެވި ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު (މ) ނައިބް ރައީސް ފައިސަލް (ވ) އަދި އެޑިއުކޭޝަން މިނިސްޓަރު (ކ) - ރައީސް އޮފީސް

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެއްގޮތަށް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެއީ ބަޔަކު އުފާވާންޖެހޭ ބަދަލެއްތޯ ސުވާލު ކުރެވޭނެ ޖާގައެއް ނެތެވެ. ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ އިތުރުން އިދާރީ އަދި ސަޕޯޓް ސްޓާފުންގެ ޖީބުތަކާއި ބޭންކު އެކައުންޓުތަކަށް އެނގުންވެއްޖެއެވެ. ޕްރިންސިޕަލުންގެ މުސާރައަށް 25 އިންސައްތަ އާއި 40 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.

އަދި، ބެޗެލަރސް ޑިގްރީއާއި މާސްޓަރސް ފުރިހަމަކޮށްފައިވާ ޓީޗަރުންގެ މުސާރައަށް 35 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ކުރިއެރުން އައިސްފައިވާއިރު، ސަޕޯޓް ސްޓާފުންނަށް ވަނީ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ލިބެން ފަށާފައެވެ. އެއާއެކު އެ މީހުންގެ މުސާރައަށް 35 އިންސައްތައިގެ ކުރިއެރުމެއް އައީއެވެ. މި ބަދަލާއެކު، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރައަށް ދައުލަތުން ކުރާ ޚަރަދަށް ގާތްގަނޑަކަށް 498 މިލިއަނެއްހާ ރުފިޔާ އިތުރުވީއެވެ.

މިބަދަލާއެކު އެތަކެއް ޒަމާންތަކެއް ވަންދެން މުސާރަ ބޮޑުނުވުމާއި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ސިސްޓަމްގެ ތެރެއިން ނުކުތް އެތައްބަޔަކު އަނބުރާ ސިސްޓަމްގެ ތެރެއަށް އަންނަން މަސައްކަތް ވަނީ ފަށާފައެވެ. އަދި ސިސްޓަމްގައި ތިބި ޓީޗަރުންނަށް އެ ޓީޗަރުންނަށް ހައްގުވާ މިންވަރު ވަނީ ލިބެން ފަށާފައެވެ.

މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ - ރާއްޖެއެމްވީ

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެން މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ ވިދާޅުވީ ޓީޗިންގ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދާއިރާއަށް ވަނުމުގެ ފުރުސަތު ފަހިވެގެން ދިޔައީ 1972 ވަނަ އަހަރު ކަމަށެވެ. އެދުވަސްވަރު އާންމުކޮށް ސަރުކާރުގައި އަދާކުރާ ވަޒީފާގެ ގިންތިތަކަށް ބަލާއިރު އެންމެ މަތީ އެއް ލެވެލްއެއްގެ މުސާރައިގެ ގޮތުގައި ތައުލީމީ ދާއިރާގެ މުސާރަ ވާނެ ކަމަށެވެ.

އެގޮތުގައި ދުވަސްތަކެއް ދިޔަ ނަމަވެސް 2000 ވަނަ އަހަރުން ފެށިގެން އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އަޅާބަލާއިރު އެ މިންވަރަށް މުސާރައިގެ ގޮތުން ކުރިއެރުން ނުލިބޭތީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

ތަކެތީގެ އަގުބޮޑުވެގެންދާއިރު އެހެން ދިމަދިމާލުން ލިބޭނެ ގޮތްތައް ހުރެފައި ތައުލީމީ ދާއިރާގައި އެކަހަލަ ފުރުސަތު މަދުކަން ފާހަގަކުރެވުނު. އެހެންވީމަ މިދާއިރާއިން ޓްރެއިނިންގ ލިބި ބައެއް ކަހަލަ ތަޖުރިބާ ލިބިފައި ތިބި ރަނގަޅު ބޭފުޅުން ސިސްޓަމުން ވަކިވެގެން ދިޔަ. މިފަދަ ދަތިކަން ޓީޗަރުންނަށް ދިމާވަމުން އައިސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ހާއްސަ ބަދަލެއް މި ގެނެސްދެއްވީ. އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް އެބަކުރޭ.
މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ

އިސްމާއިލް ވިދާޅުވީ މުސާރައާއި ގުޅިގެން ހީނަރުވާންފެށީމައި ސިސްޓަމުގައި ތިބި ބައެއް މީހުން ދިޔަ ކަމަށެވެ. އެކަމަކު މުސާރައަށް ގެނައި ބަދަލާއި ގުޅިގެން އެފަދަ ބައެއް މީހުން ސިސްޓަމްގެ ތެރެއަށް ވަންނަން ފަށައިފި ކަމަށާއި، އަދި ސިސްޓަމްގައި ތިބި މީހުން އިތުރަށް ގިނަ ދުވަހު ސިސްޓަމްގައި ތިބެން ބޭނުންވެގެން އެކަމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކިޔަވައިދިނުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ޖުމްލަ ގޮތެއްގައި ހުރިހާ އެންމެންގެ ވެސް އެންމެ ފުރަތަމަ ނުކުތާއަކީ އެމީހަކުޔެ މުސާރައާއި ދޭތެރޭގައި ހިތްހަމަޖެހޭކަން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ވަޒީފާއާއި ދޭތެރޭގައި ގެއްލެމުން ދިޔަ އިތުބާރު އަނބުރާ ލިބިއްޖެކަމަށާއި، އެކަމަށްޓަކައި ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކަށް ޝުކުރުވެރިވާކަން ކޮންމެ މީހެއްގެ ވެސް ވާހަކައިން އެނގޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އާއިލާގެ ދިރިއުޅުމަށް ބަލާއިރު ވެސް ކުރީގެ ހާލަތުގައި އޮންނަނީ މަސް ނިމޭއިރު އެކިއެކި ގޮތްގޮތުން ފައިސާ ހޯދަންޖެހިފައި. ކުރަން ބޭނުންވާ ކިތައްމެ ކަމެއް ނުކޮށް ދޫކޮށްލަންޖެހިފައި އޮންނަނީ. އަޅުގަނޑުމެންނަށް މިހާރު ލިބޭ އެއްޗަކުން ކޮންމެ މަހަކުވެސް ވަރަށް ބޮޑު އެއްޗެއް ރައްކާކޮށްގެން އަމިއްލަ ދިރިއުޅުމަށްޓަކައި އިތުރު މަސައްކަތްކުރާނެ ފުރުސަތުތަކެއް ފަހިވެގެންދިޔަ. ﷲ ގެ ރަހުމަތާއެކު މިހާރު އަމިއްލައަށް ކުރިންވެސް ލިބިފައި ހުރި އެއްޗަކުން އަމިއްލައަށް ރަނގަޅު އެޕާޓްމަންޓެއް ގަތުމުގެ މަސައްކަތް ވެސް އެބަކުރަން. އެކަން ކުރުމުގެ ފުރުސަތު ފަހިވީ މުސާރައަށް އައި ބަދަލާއި ގުޅިގެން.
މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ

އިސްމާއިލް ވިދާޅުވީ މުސާރައަށް އައި ބަދަލާއެކު ސަރުކާރުގެ ތެރެއިން ގެނެސްފައި ހުރި އެހެން ބަދަލުތަކުގެ ސަބަބުން ޓީޗަރުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާ ކަމަށެވެ. ޑިގްރީ ނިމިގެންދިޔަ ކުދިންނަށް ވެސް މާބޮޑު ހަރަދުތަކެއް ކުރަން ނުޖެހުނުކަން އިސްމާއިލް ފާހަގަކުރި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ވާހަކަ ފާހަގަކުރަމުންނެވެ. އޭނާ ވިދާޅުވި މުސާރަ ބޮޑުވުމާއެކު މިކަހަލަ ލުއިފަސޭހަތައް ސަރުކާރުގެ ތެރެއިން ފަހިކޮށްދީފައި އޮތުމަކީ ވެސް ދިރިއުޅުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އިސްމާއިލް އަލީ - ރާއްޖެއެމްވީ

މިއީ ޓީޗިންގ ދާއިރާގައި ބައި ގަރުނު ހޭދަކުރެއްވި އިސްމާއިލް އަލީ ދެކެވަޑައިގަންނަވާ ގޮތެވެ. މިކަން ބަލައިގަންނަ އެތައް ހާސް ޓީޗަރުންނެއް މިއަދު އެބަތިއްބެވެ. ޓީޗަރުންގެ މުސާރައަށް މި ފަދަ ހެޔޮ ބަދަލެއް ގެނެވިގެން ދިއުމަކީ މީގެ ސަބަބުން އެތައް ރަނގަޅު ނަތީޖާއެއް ނިކުމެގެންދާނެ ކަމެކެވެ. އަތޮޅުތެރެއަށް ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމުގައި ހުރި ދަތިތަކަކީ އެޑިއުކޭޝަން މިނިސްޓްރީއަށް އޮތް ޒަމާންވީ ކަންބޮޑުވުމެކެވެ.

ނަމަވެސް، މުސާރައަށް މި ގެނައި ހެޔޮ ބަދަލުތަކާ އެކު ރަށްރަށުގެ ސްކޫލްތަކުގައި ހުރި ވަޒީފާތަކަށް މީހުން ހޯދުމަށް މިނިސްޓްރީއަށް ލުއިވާނެއެވެ. އެ ތަންތަނުގައި ހުސްވެފައިވާ މަޤާމުތަކަށް މިހާރު ވެސް ގިނަ ބަޔަކު ޝައުގުވެރިކަން ދަނީ ފާޅުކުރަމުންނެވެ. ހަމަ އެއާއެކު، ތަޢުލީމީ ދާއިރާއާ ގުޅެން ބޭނުންވާ މީހުންގެ އަދަދު އިތުރުވެ، މި ދާއިރާ އެތައް ހަރުފަތެއް ކުރިއަރައިދާނެ ކަން ޔަޤީނެވެ.

ޓީޗަރުންނަށް ކުރިމަތިވާ ކަންކަން ހައްލު ކޮށްދިނުމަށް މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ، އެ މީހުންގެ މުސާރަ ބޮޑުކުރުން އެކަންޏެއް ނޫނެވެ. އެ މީހުންނަކީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށް ވެސް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މީހުންނަށް ގިނަގުނަ ފުރުޞަތުތަކެއް ވަނީ ހުޅުވައިދީފައެވެ. މި ގޮތުން، ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހުޅުވައިލައިގެން ކުރިއަށްގެންދަވާ ޕުރޮގުރާމު ފާހަގަކޮށްލެވެއެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. ޓީޗަރުންނަށް ވެސް ތަޢުލީމީ ހަރުފަތްތަކުގައި ކުރިއަރައިދާން އޮތް ފުރުޞަތުތައް ގިނަގުނައެވެ. ޑިޕްލޮމާ ފެންވަރަށް ކިޔަވާފައިވާ ޓީޗަރުންނަށް ވެސް ސަރުކާރުގެ "ހިލޭ ފުރަތަމަ ޑިގްރީ" އާ ހަމައަށް ކިޔެވުމުގައި ފުރުޞަތުގެ ދަށުން ބައިވެރިވެވޭނެއެވެ. 

- ކޮމެންޓް