ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 02:09
ބްރޫނޯ ފެނާންޑޭސް
ބްރޫނޯ ފެނާންޑޭސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022
ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލުމުގެ އަސަރު ޤައުމީ ޓީމަކަށް ނުކުރޭ، ފޯކަސް ހުރީ ވަރލްޑް ކަޕަށް: ފެނާންޑޭސް
 
ފެނާންޑޭސް ބުނީ ޤައުމީ ޓީމަށް ކުޅުމަކީ ރޮނާލްޑޯ އަށް ކިހާ މުހިންމު ކަމެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަށް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމި ނަމަވެސް އެކަމުގެ އަސަރު ޤައުމީ ޓީމަށް ނުކުރާނެ ކަމަށް ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.

ރޮނާލްޑޯއާއެކު މެންޗެސްޓަރ ޔުނައިޓެޑަށް ވެސް ކުޅުނު ފެނާންޑޭސް މިހެން ބުނީ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގާނާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ފެނާންޑޭޒް ބުނީ ރޮނާލްޑޯގެ ނިންމުމާމެދު އޭނާއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށެވެ. އޭނާ ބުނީ އެއީ ރޮނާލްޑޯގެ އަމިއްލަ ޒާތީ ކަމެއް ކަމަށާއި، އެކަމާ އެހެން މީހަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ފެނާންޑޭސް ބުނީ އެކަމުގެ ވާހަކަ ޤައުމީ ޓީމުގައި ނުވެސް ދައްކާ ކަމަށާއި، ހުރިހާ ފޯކަސްއެއް ހުރީ ވޯލްޑް ކަޕަށް ކަމަށެވެ. އޭނާ ބުނީ ޤައުމީ ޓީމަށް ކުޅުމަކީ ރޮނާލްޑޯ އަށް ކިހާ މުހިންމު ކަމެއްކަން އެންމެނަށް ވެސް އިނގޭނެ ކަމަށެވެ. އޭނާ ބުނީ މިހާރު އައިސް ތިބި މުބާރާތަކީ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އުންމީދާ ގުޅިފައިވާ މުބާރާތެއް ކަމަށެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވަނީ އެ މުބަރާތުގައި ކުޅެ، ފައިނަލަށް ވެސް ދަތުރު ކުރަން ކަމަށެވެ. އެހެންކަމުން ހުރިހާ ކުޅުންތެރިންގެ 100 އިންސައްތަ ފޯކަސް ހުރީ ޤައުމީ ޓީމަށް ކަމަށާއި، ކުރަން ޖެހޭ މަސައްކަތް ވެސް ސާފު ކަމަށެވެ.

ބްރޫނޯ ބުނީ އެކަމުގައި އޭނާ ވަކި ކޮޅެއް ނަގަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯއާއެކު ޤައުމީ ޓީމާއި ކުލަބަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. ބްރޫނޯ ބުނީ އަބަދުވެސް ބުނާ ގޮތަށް އެއީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ރޮނާލްޑޯ އަކީ އޭނާ މިސާލެއްގެ ގޮތުގައި ބަލާ ކުޅުންތެރިއެއް ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ނިންމި ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

މިހާރު ރޮނާލްޑޯ އެ އޮތީ އޭނާގެ ހަޔާތުގައި ވެސް އަދި ކެރިއަރުގައި ވެސް ތަފާތު ނިންމުމެއް ނިންމާފައި. އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ. ކޮންމެ ނިންމުމަކީ ވެސް އެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ކަމެއް، އެއީ އެކަަމަށް އެއްބަސްވިޔަސް ނުވިޔަސް. ނިންމުމެއް ނިންމުމަކީ ވަރަށް އުނދަގޫ ކަމެއް ކަން އަހަރަމެން އެންމެނަށް އިނގެން ޖެހޭ.
ބްރޫނޯ ފެނާންޑޭސް / ޕޯޗުގަލްގެ މިޑްފީލްޑަރު

މީގެ އިތުރުން ފެނާންޑޭސް ބުނީ ވޯލްޑް ކަޕަށް ކުރިމަތިލާއިރު، ޓީމުގެ އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށެވެ. އޭނާ ބުނީ ޕޯޗުގަލްގެ ސްކޮޑުގައި އެ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަަށާއި، ކުލަބު ލެވެލްގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބި ކަމަށެވެ. ފެނާންޑޭސް ބުނީ ކޮންމެ ބަޔަކު ވެސް ޓީމާމެދު އުންމީދުތަކެއް ކުރާނެ ކަމަށާއި، ސަޕޯޓަރުން އުފާކޮށްދިނުމަކީ ވެސް ބޭނުންވާ ކަމެއް ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ގާނާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
0%
0%
0%
0%
0%
100%
ކޮމެންޓް