ފީފާ ވަރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އުރުގުއޭއިން އެޓީމްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، އެ މެޗު ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އުރުގުއޭގެ ކޯޗު ޑިއޭގޯ އަލޮންސޯ ބުނެފިއެވެ.
ގްރޫޕް އެފް ގައި ސައުތު ކޮރެޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ރަނގަޅު މުބާރާތެއްގައި ފުރަތަމަ މެޗު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ ބުނީމިވަގުތު އޭގެ ފަހަށް ވިސްނުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށެވެ. އަލޮންސޯ ބުނީ އުރުގުއޭ ޓީމަށް ހާސިލްކުރެވޭނެ ކަންކަމާއި، ހާސިލް ނުކުރެވޭނެ ކަންކަން އިނގޭ ކަމަށެވެ. ކޯޗު ބުނީ މި ވަގުތަށް އެންމެ މުހިންމީ ކޮރެއާ މެޗަށް ފޯކަސްކޮށް، ކަންކަން ރަނގަޅު މަގުން ގެންދިޔުން ކަމަށެވެ. އަލޮންސޯ ބުނީ މެޗުގެ ކުރިން ކުޅުންތެރިންނަށްވެސް އޮތް މެސެޖަކީ އެއީ މުހިންމު މެޗެއްކަމުގެ މެސެޖެވެ. އަލޮންސޯ ބުނީ އުރުގުއޭ އަށް ކުރިއަށް ދެވޭނެވަރު އިނގޭ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް މެޗުގެ ކުރިން އޭގެ ފަހުގެ ވާހަކަ ދައްކަންވެއްޖެ ނަމަ ގޯސްތަކެއް ހެދޭނެ ކަމަށެވެ.
އަހަރަމެންނަށް ހޯދާނެ ކަންކަން އިނގޭ، ހާސިލް ކުރެވޭނެ ކަންކަން ވެސް އިނގޭ. މިވަގުތަށް އެންމެ މުހިންމު ކަމަކީ ކަންކަން ރަނގަޅު މަގުން ގެންގޮސް، ކުރިއަށް ކޮރެއާ މެޗަށް ފޯކަސް ކުރުން. އެންމެ މުހިންމު މެޗަކީ ވެސް އެއީ.ޑިއޭގޯ އަލޮންސޯ / އުރުގުއޭގެ ކޯޗު
މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުރުގުއޭ ޓީމުގެ އެންމެ މުހިންމު ޑިފެންޑަރު އަދި ކެޕްޓަން ޑިއޭގޯ ގޮޑިން ބުނީ، އަނިޔާއިން ރަނގަޅުވެ އޭނާއަށް ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ. ގޮޑިން ބުނީ ކޮރެއާ މެޗުގައި ރަނގަޅު ގޮޑިން އެއް ފެންނާނެ ކަމަށާއި ނަމަވެސް މީގެ 20 އަހަރު ކުރީގެ ގޮޑިން ނުފެންނާނެ ކަމަށެވެ. އޭނާ ބުނީ އެންމެ މޮޅު ކުޅުން ދައްކަަން މަސައްކަތް ކުރާނެ ކަމަށާއި، ދަނޑު މަތީގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން ދެއްކުމަކީ އުއްމީދު ކަމަށެވެ. ގޮޑިން ބުނީ ދަނޑު މަތީގައި ނޫނަސް، ފަރިތަކުރުންތަކުގައިވެސް އެކަން ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ. އިތުރަށް ގޮޑިން ބުނީ ޤައުމު ތަމްސީލު ކުރާ އިރު އޭނާ ބޭނުންވަނީ އެގޮތަށް ކަންތައް ކުރާން ކަމަށެވެ.
މީގެ އިތުރުން ގޮޑިން ބުނީ އިދިކޮޅު ޓީމަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށާއި، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ ކޮރެއާ ޓީމުގައި ވެސް ވަކިވަކި މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. ނަމަވެސް އިދިކޮޅު ޓީމާމެދު މާ ބޮޑަށް ވިސްނުމުގެ ބަދަލުގައި އަމިއްލަ ގޭމު ކުޅެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ގޮޑިން ބުންޏެވެ.
އުރުގުއޭ އިން ކޮރެއާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.