ފީފާ ވޯލްޑް ކަޕްގައި 36 އަހަރަށްފަހު ކެނެޑާ ވާދަ ކުރާ އިރު އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ ޓީމުގެ ކޯޗު ޖޯން ހާޑްމަން ބުނެފިއެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން ހާޑްމަން ބުނީ މިއީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަަކަށް ވުން ކަމަށެވެ. ހާޑްމަން ބުނީ އޭނާގެ އިތުރުން ޓީމުގެ ކުޅުންތެރިންނާއި، މުޅި ޤައުމު އޮތީ އުފާވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން 36 އަހަރު ފަހުން ލިބުނު ފުރުސަތުގައި ރަނގަޅު ތަޖުރިބާއެއްކޮށް، އުފާވެރި ވަގުތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ކެނެޑާ މެޗު ކުޅޭ ވަގުތުގައި އެ ޤައުމުގެ ހުރިހާ ރައްޔިތުން މެޗަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަން އެނގޭ ކަމަށެވެ.
އޭނާ ބުނީ މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކަމަށެވެ. މަޒާޖީ ގޮތަކަށް ހާޑްމަން ބުނީ އެނދުމަތީގައި ނިދަން އޮންނަ ވަގުތުގައި ކުޑަ ދޮރުން ވެސް މިހާރު އޭނާ އަށް ފެންނަނީ މުބާރާތުގެ ސްޓޭޑިއަމްކަމަށެވެ. އޭނާ ބުނީ މުޅިން ވެސް ފެންނަނީ ފައިނަލް ސްޓޭޑިއަމް ކަަމަށާއި، އެކަމާ ހުރެ އޭނާގެ ބޮލުގައި ވޯލްޑް ކަޕް ނޫން އެއްޗެއް ނެތް ކަމަށެވެ.
ހާޑްމަން ބުނީ މުބާރާތުގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗަކީ ކުޅުންތެރިންނާއި ސްޓާފުންނަށް ރަނގަޅު އިމްތިހާނަކަށް ވާނެ ކަމަށެވެ. އެ މެޗުން އިތުރު އެހެން ކަންތައްތަކެއް ދަސްވެ ކުރިއަށް ދާން މަގު ފެންނާނެ ކަމަށާއި މިފަހަރުގެ މުބާރާތުގައި އޮތް ފުރުސަތަކީ އެއީ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި އެކަހަލަ ވަރުގަދަ މެޗަކަށް ކުރިމަތިލާއިރު މަދު މެޗުތަކުން ބަލިވެފައިވުމަކީ ކެނެޑާ އަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން ކެނެޑާ ޓީމުގެ މިޑްފީލްޑަރު އަތިބާ ހުޗިސަން ބުނީ ކެނެޑާ ކުޅެން ޖެހެނީ ވަރަށް މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށެވެ. އަދި ކޮންމެ މެޗެއްގައި ވެސް ކެނެޑާ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކައި، ކާމިޔާބަށް މަސައްކަތް ކުރާނެ ކަމަށެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކެނެޑާ ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.