ފީފާ ވޯލްޑް ކަޕްގައި ބުދަ ދުވަހުގެ ރޭ ކެނެޑާއާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ ވޯލްޑް ކަޕެއް ކުޅެން ނޫން ކަމަށާއި، އެގެ ބަދަލު ބޭނުންވަނީ ކެނެޑާއާ ދެކޮޅަށް ކުޅެން ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ކެނެޑާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، ފުޓުބޯޅައިގައި ކެނެޑާ އިން ހާސިލްކޮށްފައިވާ ކަންކަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް އެމެރިކާ އަދި މެކްސިކޯ ހިމެނުނު ގްރޫޕެއްގެ އެއް ވަނަ އަށް ދިޔުމަކީ އަސްލު ފެންވަރު ސާބިތުވާނެ ކަމެއް ކަމަށެވެ. މާޓިނޭޒް ބުނީ ވޯލްޑް ކަޕަކަށް ދަތުރުކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އެމީހުންނަށް އެނގޭ ކަމަށާއި ވޯލްޑް ކަޕްގައި ކެނެޑާ ކުޅުނީ 1986 ވަނަ އަހަރު އެކަނި ކަމަށެވެ. މިއީ އެމީހުންގެ ދެ ވަނަ ވޯލްޑް ކަޕްކަން ފާހަގަ ކުރަމުން މާޓިނޭޒް ބުނީ މިހާރުގެ ކުޅުންތެރިންނަކީ ވަރަށް ޚާއްސަ ބައެއް ކަމަށެވެ. އަދި މުޅި ކެނެޑާ ފެންނަނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން މާޓިނޭޒް ބުނީ ކެނެޑާ ފެންނަނީ އެ މީހުންގެ ފެންވަރު ދަންނަ ޓީމެއްގެ ގޮތުގައި ކަމަށާއި، އެމީހުންނަކީ ކޮންސެޕްޓް ވެސް ވަރަށް ސާފުކޮށް އޮތް ޓީމެއް ކަމަށެވެ. އިތުރަށް މާޓިނޭޒް ބުނީ ކެނެޑާއަކީ ފުޓުބޯޅަ އަށް ލޯބިކުރާ، ފުޓުބޯޅަ ވަންތަ ޓީމެއް ކަމަށެވެ. އެހެންކަމުން ކެނެޑާ އަށް ވަރަށް ބޮޑު އިހުތިރާމެއް ދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް ބެލްޖިއަމް ޓީމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި އެގޮތުގައި ކުޅެން ޖެހޭ ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ކެނެޑާއާ ދެކޮޅަށް ކުޅެން ކަމަށާއި ވޯލްޑް ކަޕެއް ކުޅެން ނޫން ކަމަށެވެ.
ކެނެޑާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.