ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 16:22
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ކޮންމެ ކުޅުންތެރިޔަކީވެސް އޭނާގެ މަގާމުގައި ލީޑަރެއް: ޑެޝޯމްޕްސް
 
އޭނާ ބުނީ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ނަތީޖާ ނުނެރެވެންވީ ސަބަބެއް ނެތްކަމަށް

ކޮންމެ ކުޅުންތެރިޔަކީވެސް އޭނާގެ މަގާމުގައި ލީޑަރެއް ކަމަށް, އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އުނދަގޫ ހާލަތެއްގައި އޮވެ ފްރާންސް މުބާރާތާ ކުރިމަތިލާއިރު، ޑެޝޯމްޕްސް ބުނީ ޓީމުގައި ތިބި ކުޅުންތެރިންނާމެދުވެސް އޭނާގެ އުންމީދު އޮތްކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކޮންމެ ކުޅުންތެރިޔަކީވެސް އޭނާ ކުޅޭ މަގާމުގައި ލީޑަރެއް ކަމަށެވެ. އޭނާ ބުނީ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ނަތީޖާ ނުނެރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ޑެޝޯމްޕްްސް ބުނީ ފްރާންސް ޓީމުގައި ހިމެނޭ އޮލީވިއޭ ޖިރޫޑަކީ އަދިވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު ޖިރޫޑާ ދިމާއަށް ނޫސްވެރިންނާއި ބައެއް އާންމުންގެ ފުރައްސާރައިގެ ބަސްތައް އަންނަ ކަމަށެވެ. ނަމަވެސް ޖިރޫޑް ފްރާންސް ޓީމުގައި ހިމެނުމަކީ އޭނާގެ އިތުރުން މުޅި ޓީމަށް ވެސް ލިބޭ އުފަލެއް ކަމަށް ޑޭޝޯމްޕްސް ބުންޏެވެ.

މީގެ އިތުރުން މި ޕްރެސްގައި ވާހަަކަ ދައްކަމުން ފްރާންސްގެ ގޯލްކީޕަރު އަދި ކެޕްޓަން، ހޫގޯ ލޮރިސް ބުނީ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނާއެކުވެސް ފްރާންސަށް އުންމީދު އޮތް ކަމަށެވެ. އަދި ޓީމާއެކު ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި، ޓީމުގައި ތިބި ކުޅުންތެރިން އެކަކު އަނެކަކަށް ސަޕޯޓުދީ ހިތްވަރުދޭން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެންމެ ފަހު ވަގުތު ކަރީމް ބެންޒީމާއަށް ނުކުޅެވުމަކީ ގަބޫލުކުރަން ދަތިވި ކަމެއް ކަމަށާއި، ނަމަވެސް އެކަމުން އަރައިގަނެ ކުރިއަށް ދާން ޖެހޭނެ ކަމަށެވެ. ލޮރިސް ބުނީ އެ ހުރިހާ ކަންކަމާއެކު ވެސް ބޭނުންވަނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެ، މުބާރާތް ފެށުން ރަނގަޅު ކުރުން ކަމަށެވެ.

ލޮރިސް ބުނީ، ފީފާއިން މުބާރާތް ރާވަނީ އެމީހުންގެ ވަކި ޚާއްސަ ފްރޭމްވޯކެއްގައި ކަމަށެވެ. އެކަމަށް މުބާރާތުގައި ބައިވެރިވާ ޓީމުތަަކުން ބޯލަނބަން ޖެހޭނެކަން ފާހަގަކުރަމުން ލޮރިސް ބުނީ، އޭނާ ހުންނަން ބޭނުންވަނީ އެ އުސޫލުތަކާއި، އިންތަކުގެ ތެރޭގައި ކަމަށެވެ. އެކަމުގެ އިތުރުން ޑިފެންޑިންގ ޗެމްޕިއަނުންގެ ހައިސިއްޔަތުން ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗަކަށްވާނެ ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް، މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެން ޖެހޭނީ އަންގާރަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް