ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 17:47
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް-ހަރބަލްއަށް އެތަކެތި ވަނީ ޕޮޒިޓިވްވެފައި
މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 459 ގްރާމް ހުރި
މި ތަކެތީގެ މަގުމަތީ އަގު 367،000 ރުފިޔާއަށް އަރާ

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ 10 ނޮވެމްބަރު ވަނަ ދުވަހު އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކޮށްފައިވާކަމަށެވެ.

ބަލައިފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު, މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް-ހަރބަލްއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 459 ގްރާމް ހުރިކަމަށާއި، މި ތަކެތީގެ މަގުމަތީ އަގު 367،000 (ތިންލައްކަ ފަސްދޮޅަސް ހަތްހާސް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ 5 ވަނަ ފަހަރެވެ. އަހަރުގެ މިހާތަނަށް ޖުމްލަ 19.44 ކިލޯގެ ކެނެބިސް-ހަރބަލް އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ބުނެެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

- ކޮމެންޓް