ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 14:27
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޔޫސުފް ސޮފްވާން ރަޝީދު
ސިޔާސީ ވާހަކަ
ނުރަނގަޅު ތަސައްވުރަކާއި ބިރުވެރިކަން އުފައްދަން ސިޔާސީ ބޭނުމަކަށް އެ ކުރެވެނީ ހިތާމަހުރިކަމެއް – އަމީރު
ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން
ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން މިދަނީ އެ ގޮންޖެހުންތައް ގިރާކުރަމުން
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި ކޮވިޑުން ވެސް އަޅުގަނޑުމެން އަރައިގަތިން
މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް

ނުރަނގަޅު ތަސައްވުރެއް އުފައްދާ ބިރުވެރިކަން އުފައްދަން ޒިންމާދާރު މަގާމުގައި ތިބެގެން ސިޔާސީ ބޭނުމަކަށް އެ ކުރެވެނީ ހިތާމަހުރިކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ދިވެހި ދައުލަތުގެ ރިޒާވްގައި ފޮރިން ކަރެންސީ މަދުވުމުން ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ ކުރިއަށް އޮތް މަސްތަކުގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ ނެތް ކަމަށް މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ދިރާސާކުރިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ސިފަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރާއްޖޭގެ ހާލަތު އެފަދަ ދަރަޖައަކަށް ނުދާކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށެވެ. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅާއެކު, ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި 2020 ވަނައަހަރު ކޮވިޑާއެކު ސަރުކާރުން ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާއެކު ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މާލިމީކަމުގައި އެ ދަތިން ވެސް އަރައިގަނެވުނު ކަމަށެވެ. އަބަދުވެސް ފާހަގަކުރަމުން ދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ ކަމަށާއި، ފޮރުވާކަށް ނޫޅުއްވާ ކަމަށާއި، ހުރިހާ ތަފާސް ހިސާބުތަކެއް ހާމައަށް ފެންނަން ހުންނާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ދަނީ އެ ގޮންޖެހުންތައް ގިރާކުރަމުން ކަމަށެވެ. އަދި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި އިޤްތިސާދާ މެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށެވެ. މާތްﷲގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ޓީވިއަށް މިނިސްޓަރު ދެއްވި އިންޓަރވިއުއެއްގައި މީގެ ކުރިން ވިދާޅުވެފައިވަނީ ދަތިތަކާއެކު ވެސް، ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވާ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވެސް ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑުތަކުން ކުރީގައި ހުރުމަކީ ސަރުކާރުން ހާސިލްކުރި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން ޒަމާނުއްސުރެ ރާއްޖޭގެ ރަށްތަކުގައި ނުވެ ހުރި ގިނަ ކަންތައްތަކެއް މި ސަރުކާރުން ގިނަ ގޮންޖެހުންތަކާއެކު ވެސް ކުރެވުނު ކަމަކީ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި، ހއ. އަތޮޅުގެ ރަށްތަކުން ފެށިގެން ގޮސް ސ. އަތޮޅާ ހަމައަށްދާއިރު ހުރިހާ ރަށްތަކުން، ހުރިހާ ކައުންސިލްތަކުން ފާހަގަކުރަނީ ކުރީގެ އެއްވެސް އަހަރުތަކެއްގައި އެއްވެސް ސަރުކާރެއްގައި ނުކުރާ ވަރަށް ގިނަ ޕްރޮޖެކްޓްތައް މި ސަރުކާރުން ކުރިއަށް ގެންދިޔަކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ދިމާވި ދަތިތަކާ އެއްކޮށްވެސް ސަރުކާރަށް ކުރެވުނު ކަންތައްތައް އަދި އެ ދަތިތަކުން އަރައިގަނެ ހަމަމަގަށް އެޅުވި އިގްތިސާދު ކުރިއަރައިދާކަމީ އެންމެ ބޮޑު ކާމިޔާބީ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް