ކ. މާލެ
|
21 ނޮވެންބަރ 2022 | ހޯމަ 11:02
އިކުއެޑޯގެ ކޯޗު އަލްފާރޯ
އިކުއެޑޯގެ ކޯޗު އަލްފާރޯ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޒުވާން ޓީމާއެކު ފުރަތަމަ މެޗު ކާމިޔާބުވުމުން އަލްފާރޯ ހިތްހަމަޖެހިފައި
ފުރަތަމަ މެޗު ކާމިޔާބު ކުރި ނަމަވެސް، ގަދަ 16 ވަނަ ބުރަށް ނުދާ ޓީމުތައް ތާރީޚުން ފެންނަން އޮތުން ކަމަށް އޭނާ ބުނި

ޒުވާން ޓީމަކާއެކު ފީފާ ވޯލްޑް ކަޕަށް ނުކުމެ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުވުމުން ހިތްހަމަޖެހިފައި ހުރި ކަމަށް އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނެފިއެވެ.

ޤަތަރުގެ މައްޗަށް 2-0 އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން އަލްފާރޯ ބުނީ، އެއީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ސަބަބަކީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގެ އިތުރުން ވޯލްޑް ކަޕްގެ ވެސް ފުރަތަމަ މެޗަށްވުމުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗަށްވުމުން އެ މެޗަށް ޚާއްސަ ސަމާލުކަމެއް އަންނާނެ ކަމަށެވެ. އަލްފާރޯ ބުނީ އެކަންކަމުގެ އިތުރުން އިންޓަނޭޝަނަލް ބްރޭކްގައި މުބާރާތަށް ތައްޔާރުވުމަށް ޓީމުތަކަށް ލިބުނީ މަދު ވަގުތު ކޮޅެއް ކަމަށެވެ.

އަލްފާރޯ ބުނީ އެ ހާލަތުގައި އިކުއެޑޯ އަށް ޤަތަރު މެޗަށް ތައްޔާރުވާން ލިބުނީ ހަތަރު ދުވަސް ކަމަށެވެ. އޭނާ ބުނީ ޤަތަރުގެ މެޗަށް ނުކުތްއިރު ވެސް އެ ޓީމު ރަނގަޅަށް ކުޅޭނެ ކަން އެނގުނު ކަމަށެވެ. ޚާއްސަކޮށް ޤަތަރުގެ އަމިއްލަ ފަސްގަނޑުގައި އެ މީހުންގެ ޒުވާން ޓީމު ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވުނު ކަމަށެވެ. މީގެ އިތުރުން އަލްފާރޯ ބުނީ އިކުއެޑޯގައި ވެސް އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށެވެ. އޭނާ ބުނީ އިކުއެޑޯގައި އޮތީ މިހާތަނަށް ވޯލްޑް ކަޕް މުބާރާތަކަށް އެ ޤައުމުން ނެރުނު އެންމެ ޒުވާން ޓީމުކަމަށާއި، އެހެންކަމުން މެޗުގައި ކުޅުނީ އެ ހުރިހާ ކަމަކަށް ވިސްނުން ސެޓުކޮށްގެން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަލްފާރޯ ބުނީ ފުރަތަމަ މެޗު ކާމިޔާބު ކުރެވުނީ ކުރިއަށް އެޅުނު ފިޔަވަޅެެއް ކަމަށެވެ. ނަމަވެސް އެއީ މާ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި ނަމަވެސް، ގަދަ 16 ވަނަ ބުރަށް ނުދާ ޓީމުތައް ތާޜީޚުން ފެންނަން އޮތުން ކަމަށް އޭނާ ބުންޏެވެ.

އިކުއެޑޯގެ ދެ ވަނަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.

- ކޮމެންޓް