ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 16:23
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ބެންޒެމާގެ ބަދަލުގަ ފްރާންސް ޓީމުގައި ކުޅުންތެރިޔަކު ނުހިމަނާނެ
 
ޑެޝޯމްޕްސް ބުނީ ސްކޮޑުގައި ފޯވާޑުންގެ ގޮތުގައި ކުޅޭނެ އެހެން ކުޅުންތެރިން ތިބި ކަމަށް

ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެ ފީފާ ވޯލްޑް ކަޕްގައި ނުކުޅެވުނު ނަމަވެސް، ކަރީމް ބެންޒެމާގެ ބަދަލުގަ ފްރާންސް ޓީމުގައި އެހެން ކުޅުންތެރިޔަކު ނުހިމަނާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މުބާރާތަށް ފްރާންސް އިން ވަމުން އައި އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ބެންޒެމާ އަށް އަނިޔާވެ މުބާރާތުގައި ނުކުޅެވޭނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ. އެކަމާ ގުޅިގެން ކޯޗު ޑެޝޯމްޕްސް ބުނީ ބެންޒެމާގެ ބަދަލުގަ އެހެން ކުޅުންތެރިޔަކު ޓީމުގައި ނުހިމަނާނެ ކަމަށެވެ. އެހެންކަމުން ފްރާންސް ޓީމު މުބާރާތަށް ނިކުންނާނީ 25 ކުޅުންތެރިންގެ ސްކޮޑާއެކުއެވެ.

ޑެޝޯމްޕްސް ބުނީ ސްކޮޑުގައި ފޯވާޑުންގެ ގޮތުގައި ކުޅޭނެ އެހެން ކުޅުންތެރިން ތިބި ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ފްރާންސް ޓީމުގައި ހުރިހާ ކަމެއް އޮތީ ކޮންޓްރޯލް ކުރެވޭ ހިސާބުގައެވެ. މީގެ އިތުރުން ޑެޝޯމްޕްސް ބުނީ މުޅި ސްކޮޑަކީ ކޮލިޓީ ކުޅުންތެރިން އެކުލެވިގެންވާ ސްކޮޑެއް ކަމަށާއި، ދަނޑު މަތީގައްޔާއި ދަނޑުން ބޭރުގައި ވެސް ކުޅުންތެރިންނާމެދު އޭނާގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.

ބެންޒެމާ އަށް ދެ ވަނަ ފަހަރަށް ޤައުމީ ޓީމުން ޖާގަ ލިބުނީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން 2015 ވަނަ އަހަރު އޭނާ ޤައުމީ ޓީމާ ދުރަށް ދާން ޖެހުނީ އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި ކަމުގެ ތުހުމަތުގައެވެ.

ބެންޒެމާ އަށް އަނިޔާވުމާއެކު ފްރާންސް ޓީމަށް ވަނީ އިތުރު ޕްރެޝަރާ ކުރމަތިލާން ޖެހިފައެވެ. އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކުރި ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭގެ އިތުރުން ކިމްޕަމްބޭ އާއި ކްރިސްޓޮފާ އެންކުންކޫ އަދި މައިކް މައިގްނަން އަށް ވެސް ވަނީ އަނިޔާވެފައެވެ.

މުބާރާތުގައި ފްރާންސް އޮތީ އޮސްޓްރޭލިއާ، ޑެންމާކު އަދި ޓުއިނީޝިޔާއާއެކު ގްރޫޕް ޑީ ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
25%
0%
25%
50%
0%
0%
ކޮމެންޓް