އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަންދުކުރެވުނު ޓްވިޓަރ އެކައުންޓް އަނބުރާ ދިނުމަށް ޓްވިޓަރގެ މިލްކިއްޔާތު މިހާރު ގަނެފައިވާ މަހުޖަނު އީލޯން މަސްކް ނިންމައިފިއެވެ. މިކަމަށް ޚިޔާލު ހޯދުމަށް ޓްވިޓަރގައި އީލޯން މަސްކް ނެގިވޯޓުގައި ބައިވެރިވި 15 މިލިއަން މީހުންގެ ތެރެއިން ފެންނަ ކަމަށް ބުނެފައިވަނީ 51.8 އިންސައްތައެވެ. އެހެން ކަމުން އެކައުންޓް އަނބުރާ ދިނުމަށް ފާސްވީ ހަނި އަޤުލަބިއްޔަތަކުންނެވެ.
ޓްރަމްޕްގެ އެކައުންޓް އަލުން ދޭން އީލޯން މަސްކް ނިންމި ނަމަވެސް ޓްރަމްޕް އަލުން ޓްވިޓަރ އާ ގުޅިވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ބެހޭގޮތުން ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ އަލުން ޓްވިޓަރ އާ ގުޅެންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންނެވުމުން ޓްރަމްޕް ކުރައްވަމުން ގެންދެވި ގިނަ އަދަދެއްގެ ޓްވީޓްތަކުން އާންމުންގެ މެދުގައި ނަފްރަތާ ހަރުކަށިކަން ފެތުރިގެން ދިއުމަށް ހިތްވަރު ލިބޭ ކަމަށް ބުނެ އޭރުގެ ވެރިން އެކައުންޓް ބަންދު ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއަށްފަހު ޓްރަމްޕް ވަނީ އޮކްޓޯބަރ 2021 ގައި އަމިއްލަ ސޯޝަލް މީޑިޔާ ޕްލެޓްފޯމެއް އުފައްދަވާފައެވެ. ޓްރަމްޕްގެ ޕްލެޓްފޯމްގެ ނަމަކީ ޓުރުތު ސޯޝަލް އެވެ. ޕްލެޓްފޯމްގައި މިވަގުތު އެކްޓިވް ދެ މިލިއަން ޔޫސަރސް އެބަތތިބި ކަމަށް ވެއެވެ.