ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 11:38
ޕްރެސް ކޮންފަރެންސްގައި ޤަތަރުގެ ކޯޗު ސަންޗޭޒް އަދި ކެޕްޓަން ޙަސަން އަލީ ހައިދޯސް
ޕްރެސް ކޮންފަރެންސްގައި ޤަތަރުގެ ކޯޗު ސަންޗޭޒް އަދި ކެޕްޓަން ޙަސަން އަލީ ހައިދޯސް
ރޮއިޓާރސް
ފީފާ ވޯލްޑް ކަޕް
އިކުއެޑޯ މެޗަށް ކުރިމަތިލާއިރު ޤަތަރުގެ ކޯޗު ސަންޗޭޒް އަށް އިތުބާރު އެބައޮތް
 
ސަންޗޭޒް ބުނީ، ފާއިތުވި އަހަރުތަކުގައި ޤަތަރުން ކުރި މަސައްކަތަކީ ވޯލްޑް ކަޕްގައި ވާދަކޮށްލެވޭ ވަރުގެ، ވަރުގަދަ ޓީމަކަށް ވުމުގެ މަސައްކަތް ކަމަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިކުއެޑޯއާ ދެކޮޅަށް ނުކުންނައިރު ޓީމާމެދު އިތުބާރާއި، އުންމީދު އޮތް ކަމަށް ޤަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނެފިއެވެ.

އިކުއެޑޯ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންޗޭޒް ބުނީ، ފާއިތުވި އަހަރުތަކުގައި ޤަތަރުން ކުރި މަސައްކަތަކީ ވޯލްޑް ކަޕްގައި ވާދަކޮށްލެވޭ ވަރުގެ، ވަރުގަދަ ޓީމަކަށް ވުމުގެ މަސައްކަތް ކަމަށެވެ. ސަންޗޭޒް ބުނީ ކޮންމެ ޤައުމެއްގެ ހާލަތު ވެސް ތަފާތުވާނެ ކަމަށާއި، ޤަތަރަކީ ކުޑަ ޤައުމެއް ކަމަށެވެ. އޭނާ ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤަތަރުގެ ކުޅުންތެރިން ބޮޑު ޤުރުބާނީއެއް ވެސް ވެއްޖެ ކަމަށެވެ. އެގޮތުން އާއިލާ އަދި ޤައުމުން ބޭރުގައި އެތައް ދުވަހެއް ހޭދަކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އެކަމުން ދައްކައިދެނީ ޓީމުގެ ކުޅުންތެރިން ވެސް ތިބީ ވޯލްޑް ކަޕްގައި ޤަތަރަށް ރަނގަޅު ނަތީޖާއެއް ހޯދައިދޭން ތައްޔާރަށް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އަހަރަމެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ބޭނުމަކީ، ވޯލްޑް ކަޕްގައި ވާދަކޮށްލެވޭ ވަރުގެ ވަރުގަދަ ޓީމަކަށް ވުމުގެ މަސައްކަތް. އެކަން ސާފު. ކޮންމެ ޤައުމެއްގެ ވެސް ޙާލަތު ތަފާތުވާނެ، އަދި އަހަރަމެންނަކީ ކުޑަ ޤައުމެއް.
ފެލިކްސް ސަންޗޭޒް / ޤަތަރުގެ ކޯޗު

ސަންޗޭޒް ބުނީ ފުރަތަމަ މެޗުން ވެސް ތިން ޕޮއިންޓު ހޯދަން ޖެހޭ ކަމަށެވެ. އަދި އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ހުރިހާ ކުޅުންތެރިންގެ އަމާޒު ހުރީ އެ ދިމާއަށް ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ޤަތަރު އޮތީ ސަޕޯޓަރުންނަށް ވެސް ޤަތަރަކީ ވާދަކުރެވޭ ފެންވަރުގެ ބައެއްކަން ދައްކައިދިނުމަށް ކަމަށެވެ. އޭނާ ބުނީ މަސައްކަތް ކުރާނީ ޤަތަރަށް ހައްގުވާ އުފާވެރިކަމާއި، ހިނިތުންވުން ގެނައުމަށް ކަމަށެވެ.

ޤަތަރު ޓީމުގެ ކެޕްޓަން ޙަސަން އަލީ ހައިދޯސް ބުނީ، ވޯލްޑް ކަޕް މުބާރާތުގައި ބައިވެރިވެވޭތީ އޭނާ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ހައިދޯސް ބުނީ އެއީ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި ކުރިން އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވެސް ޤަތަރުން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެފަހަރު އެކަން ކާމިޔާބުނުވީ ކަމަށެވެ. އޭނާ ބުނީ މިފަހަރުގެ މުބާރާތަށް ކޮލިފައިވުމަށް ޤަތަރުން ކޮލިފިކޭޝަން ކުޅުން ނަމަ، ޔަޤީނުން ވެސް ކޮލިފައިވާނެ ކަމަށެވެ. މުބާރާތަށް ތައްޔާރުވުމަށް ޤަތަރު ޓީމުގެ ކުޅުންތެރިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ހައިދޯސް ބުންޏެވެ.

މިއަހަރުގެ މުބާރާތަށް ޤަތަރު ކޮލިފިކޭޝަން ކުޅޭކަށް ނުޖެހެއެވެ. އެ ޤައުމަށް ވަނީ މުބާރާތް ހޯސްޓު ކުރާ ޤައުމުގެ ހައިސިއްޔަތުން ޖާގަ ލިބިފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޤަތަރުން އިކުއެޑޯއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް