ފަހު ވަގުތު ލިބުނު އަނިޔާއެއްގެ ސަބަބުން ފްރާންސްގެ ތަރި ކަރީމް ބެންޒެމާ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަޤީން ވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ކުރިމަތިލާ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ބެންޒެމާއެވެ. އޭނާ ވަނީ ފްރާންސް ޓީމާއެކު ޤަތަރަށް ދަތުރުކޮށްފައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް ޓީމުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ އަށް ވަނީ އަނިޔާވެފައެވެ. އެއާއެކު އިތުރަށް ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މެޑިކަލް ޓެސްޓުތަކަށްފަހު ފްރާންސް ޤައުމީ ޓީމުން އާންމުކުރި ބަޔާނެއްގައި ބުނީ ބެންޒެމާގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. ފްރާންސް ޓީމުން ވަނީ ބެންޒެމާ އަށް އަނިޔާވުމަކީ މުޅި ޓީމަށް ވެސް ލިބޭ ހިތާމައެއްކަން ފާހަގަކޮށް، ބެންޒެމާ އަށް އަވަސް ޝިފާއަކަށް އެދިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބެންޒެމާ އަށް ލިބުނު އަނިޔާއިން ރަނގަޅުވެ އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ތިން ހަފްތާ ނަގާނެއެވެ. ބެންޒެމާ އަށް އަނިޔާވީ ނިމުނު ސީޒަންގައި މޮޅު ކުޅުމެއް ދައްކައި، މި ސީޒަންގައި ވެސް ރަނގަޅު ފޯމެއްގައި ހުއްޓައެވެ.
ބެންޒެމާ އަށް އަނިޔާވުމާއެކު ފްރާންސް ޓީމަށް ވަނީ އިތުރު ޕްރެޝަރާ ކުރމަތިލާން ޖެހިފައެވެ. އެ ޓީމަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކުރި ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭގެ އިތުރުން ކިމްޕަމްބޭ އާއި ކްރިސްޓޮފާ އެންކުންކޫ އަދި މައިކް މައިގްނަން އަށް ވެސް ވަނީ އަނިޔާވެފައެވެ.
މުބާރާތުގައި ފްރާންސް އޮތީ އޮސްޓްރޭލިއާ، ޑެންމާކު އަދި ޓުއިނީޝިޔާއާއެކު ގްރޫޕް ޑީ ގައެވެ.