ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 12:42
ގެދޮރުވެރިކަމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި
ގެދޮރުވެރިކަމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި
އަމްނާ އިމާދު
ގެދޮރުވެރިކަމުގެ ގާނޫނީ އޮނިގަނޑު
ގެދޮރުވެރިކަމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ފާއިތުވި 4 އަހަރު މުހިންމު މަސައްކަތްތަކެއް
ގައުމީ ޔުނިވަރސިޓީ އާއި ގުޅިގެން އެކެޑެމިކް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދޭ
އިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލައި، އެ ފަރާތްތައް ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމުގެ މަސައްކަތް ކޮށްފައިވޭ

ގެދޮރުވެރިކަމުގެ ޤާނޫނީ އޮނިގަނޑު ވަރުގަދަކުރުމަށް ފާއިތުވި 4 އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފާއިތުވި 4 އަހަރުގެ އެ މިނިސްޓްރީގެ ޒިންމާތަކުގެ ތެރެއިން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާ ބެހޭގޮތުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، ކޯޑުތަކާއި ސްޓޭންޑަޑްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ޤާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ ދަށުގައި ކަނޑައަޅާފައިވާ 2019 ވަނަ އަހަރު 13 ގަވާއިދެއް އެކުލަވާލާފައިވާ ކަމަށާއި، 3 އިސްލާހަކާއި 1 އުސޫލު އެކުލަވާލާފައިވާ ކަމަށެވެ.

މިވަގުތު ކުރިއަށްދަނީ ބިލްޑިންގ ކޯޑުގެ ދަށުން އެކުލަވާލަންޖެހޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް އެކުލަވާލުމާއި ގަވާއިދުތައް މުޠާލިޔާކުރުމުގެ މަސައްކަތްތައް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ. އަދި ގައުމީ ޔުނިވަރސިޓީ އާއި ގުޅިގެން އެކެޑެމިކް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ.

އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތައް ތަންފީޛުކުރުމުގެ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންނާއި ކޮންޓްރެކްޓަރުންގެ މަސައްކަތް މޮނީޓަރކޮށް އަދި ގިންތިކޮށް ދަފްތަރު ބެލެހެއްޓުން ވަނީ ފެށިފައެވެ.

މީގެ އިތުރުން ޤާނޫނުގެ ދަށުން ދޭ ޚިދުމަތްތައް ޕޯޓަލެއްގެ ޒަރިއްޔާއިން ދިނުމަށްޓަކައި ކުރަންހުރި ކަންކަމުގެ މަސައްކަތް ހުރީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ، އިމާރާތް ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކަކީ ކޮން ފެންވަރެއްގެ ތަކެތިތޯ ބަލާ ޗެކްކޮށް ހުއްދަދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިއާއެކު އިމާރާތްކުރުމުގެ ދާއިރާއަށް އެކުލަވާލާފައިވާ ހެލްތް އެންޑް ސޭފްޓީ ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާ އިދާރާތަކުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުމުގެ މައްސޫލިއްޔަތު ހަވާލުކޮށް އެފަރާތުން ތަންފީޛުކުރަން ފަށާފައިވާ ކަމަށެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލައި، އެ ފަރާތްތައް ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިމާރާތްކުރުމުގެ ދާއިރާ ކުރިއަރުވުމައް އިންޑަސްޓްރީގައި ދިމާވެފައިވާ ވަކިވަކި މައްސަލަތަކަށް ހައްލުހޯދައިދިނުމަށް މަޝްވަރާކުރެވިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގައި ހުއްދަ ދޫކުރާ ދާއިރާތަކަށް އިމާރާތްކުރުމުގެ ޤާނޫނާއި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް އަހުލުވެރިކޮށްދިނުމަށް ތަމްރީން ޕްރޮގުރާމުތައް ރާވާ ހިންގުމާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމަށް އައު އުޞޫލު އެކުލަވާލައި، މިއުސޫލާއި މިއުސޫލަށް ގެނެވުނު ފުރަތަމަ އިސްލާހު ގެޒެޓްކޮށްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތައް އަދާ ހަމަކޮށް އިސްލާހު ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ގަވާއިދުތަކުގެ ތެރޭގައި ހިމެނެނީ

  • ބަންޑާރަ ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު
  • ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ގަވާއިދު
  • ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު
  • ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު 3 ވަނަ އިޞްލާޙު
  • ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާ ބެހޭ ގަވާއިދު
  • ލޭންޑް ސޭލް ރެގިއުލޭޝަން

މީގެ އިތުރުން ވެސް ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލުމަށް ލާޒިމްކުރާ ގަވާއިދުތައް ގެޒެޓް ކުރެވިފައިވެއެވެ. އަދި އެއްމެދު އިމާރާތުގެ ޤާނޫނުގެ ދަށުން އެކުލަވާލުމަށް ލާޒިމްކުރާ ގަވާއިދުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް