ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 20:08
އޮމްބަޑްސްޕަރސަންގެ އޮފީސް
އޮމްބަޑްސްޕަރސަންގެ އޮފީސް
އޮމްބަޑްސްޕާސަން އޮފީސް
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
އިންތިޤާލީ އިންސާފުގެ އޮފީހުގެ މުއްދަތު އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އިތުރުކުރައްވައިފި
 
މުއްދަތު އިތުރުކުރެއްވީ އޮމްބަޑްސްޕަރސަންގެ އެދިވަޑައިގަތުމަށް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިތުރުކުރައްވައިފިއެވެ.

މި އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަހުގީގުކުރަމުން ގެންދާ ބައެއް މައްސަލަތައް ފުރިހަމަކުރުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަން އެދިވަޑައިގަތުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020)ގެ 5 ވަނަ މާއްދާގެ (ނ)ގައި ވާ ގޮތުގެމަތީން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިތުރުކޮށްދެއްވާފައިވާއިރު، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ހިމެނެނީ ޖުމްލަ ތިން މެމްބަރުންނެވެ.

  1. އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
  2. އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
  3. އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ. އަނގޮޅިތީމު (އޮމްބަޑްސްފަރސަން)

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ 1953 ޖަނަވަރީ 1ން ފެށިގެން 2018 ނޮވެންބަރު 17އާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަޙުޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ގާނޫނީ ޝަޚްޞެކެވެ. އޮމްބަޑްސްޕަރސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ތަޢައްޞުބުން އެއްކިބާވެ ތިބެ، މި ޤާނޫނުގެ މަޤުޞަދުތައް ޙާޞިލުވާނެ ގޮތުގެމަތިންކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް