ޤައުމަށް ހެޔޮއެދޭ ފަރާތްތަކެއްނަމަ، ދޮގު ވާހަކަ ނުފަތުރައި، ކަންކަމުގެ ޙަގީގަތްވެސް ރައްޔިތުންނަށް ކިޔާދޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އދ ގައި ނަގާ ވޯޓުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
މިއުވާން ވިދާޅުވީ، ޗާގޯސް މައްސަލައާ ގުޅޭގޮތުން މިހާތަނަށްވެސް ތަފްސީލީ ގޮތެއްގައި ދައުލަތުގެ އެކި ފަރާތްތައް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި، ރައީސް އޮފީހުގެ އިތުރުންވެސް އިތުރު އިދާރާތަކުން މި މައުލޫމާތުތައް ސާފުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތަކަށް މިއުވާން އަލިއަޅުވާލެއްވިއެވެ.
މިއުވާން ވިދާޅުވީ، އދ ގެ އާންމު މަޖިލީހުގައި ނަގާ ވޯޓެއްގެ ސަބަބުން ރާއްޖޭގެ ބައެއް ގެއްލިގެން ގޮސްދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ސައްޙަ ނޫން މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށާއި، ނަމަވެސް އެކަން އޮތް ގޮތް އެތައް ގޮތަކުން ސަރުކާރުންވެސް ތަފްސީލީ ގޮތެއްގައި ކިޔާދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބައެއް ގެއްލޭ ގޮތަށް ނުވަތަ ވިއްކާލާ ގޮތަށް ނިންމުމެއް އޮތްނަމަ އެ މައުލޫމާތުތައްވެސް މިހާރުވެސް ފެންނަން ހުންނާނެކަން މިއުވާން ފާހަގަ ކުރެއްވިއެވެ.
މިއުވާން ވިދާޅުވީ، ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކެއްނަމަ، ދޮގު ވާހަކަ ނުފަތުރައި، އެކަމުގެ ޙަގީގަތްވެސް ކިޔާދޭން އެބަޖެހޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ލާރި ނަގާފައިވާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާއިރު، ފައިސާ ދިނީ ކާކު ކޮން ބަޔަކަށްތޯ ކުޑަ މިނުން ސާފުކޮށްދޭން ޖެހޭކަމަށް މިއުވާން ވިދާޅުވިއެވެ.
މިހާރު ސުވާލު އުފެދިފައިވާ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާ ދިވެހިރާއްޖެއާ ދެމެދު ހިމެނޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތުގެ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފައިވާކަމަށާއި، މިކަމުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެފަދަ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އިނގިރޭސިވިލާތުގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުމާމެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ބުނުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ބައެއް ގެއްލޭނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެއެވެ.