ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން މިއަދު ގިނައީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެރަރިޒަމްގެ ނުރައްކާތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، އެ ނުރައްކާ މިހާރު އަތޮޅުތެރެއަށްވެސް ފެތުރިފައިވާ ކަމަށެވެ. އަދި މިއަދުގެ ހަގީގަތަކީ ޓެރަރިޒަމްގެ ނުރައްކާތެރިކަމާ ގުޅޭ ކަންކަން މިހާރު ހިނގަމުންދަނީ ޑިޖިޓަލް ސްޕޭސްގައިކަން ސީޕީ ފާހަގަ ކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، އިންޓަރނެޓުގެ އެކި ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާގެ ބަންދު ގްރޫޕުތަކުގައި މި ފިކުރު ޕްރޮމޯޓު ކުރުމާއި، ޙަމަލާތައް ދޭނެ ގޮތްތައް ދަސް ކުރުމާއި، އެކަމާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން، ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދީ ގުޅުން ބަދަހިކުރުން ފަދަ ކަންކަންވެސް މިހާރު ހިނގަމުންދަނީ އެގޮތަށް ކަމަށެވެ.
އަދި އެއީ ބޮޑު ގޮންޖެހުމެއްކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
މިކަންކަން މިހާރު ކުރަމުންދަނީ ޑިޖިޓަލް އެންވަޔަރމަންޓެއްގެ ތެރޭގައި، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް އަޅުގަނޑުމެންނަށްވެސް އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށްވެސްކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު
ސީޕީ ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މައްސަލަތަކަށް ޙައްލު ގެނައުމަށް ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ނެޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭންގެ ދަށުން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ފިޔަވަޅު އެޅުމުގެ ނިޒާމެއް ޤާއިމު ކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.
އޭގެ އިތުރުން، މި މަސައްކަތުގައި ބޭނުންވާ ތަމްރީނާއި އާލަތްތައް ހޯދަމުންދާކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް އިސްކުރާނެ ކަމަށެވެ. އޭގެ އެއް ކަމެއްގެ ގޮތުން ދާދި ފަހުން އައްޑޫގައި ހިންގި ޚާއްސަ އޮޕަރޭޝަނަށް ސީޕީ އަލިއަޅުވާލެއްވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގައިވެސް ހަރުކަށި ފިކުރު ފަތުރައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ 4000ށް ވުރެ ގިނަ ހޭންޑަލްތަކާއި ޕޭޖްތައް ރާއްޖޭގައިވެސް ފާހަަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮން ބައެއްކަން އެނގޭ މީހުންނާއި، ފޭކް އައިޑީތައް ހަދައިގެން އެކަން ކުރާ މީހުންވެސް ހިމެނޭކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، އެ މަސައްކަތް ހުއްޓުވުމުގައިވެސް ގޮންޖެހުންތައް ހިމެނެއެވެ.
އޭގެ ތެރޭގައި ސޯޝަލް މީޑިއާ ކުންފުނިތަކުގެ ޕޮލިސީއާއި، ރާއްޖޭގައި އެކައުންޓުތައް ބްލޮކް ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުރި ގޮންޖެހުންތައް ހިމެނޭކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު އެކަށީގެންވާ ހެޔޮ ބަދަލުތައް ގެނެވޭނެކަން ސީޕީ ފާހަގަ ކުރެއްވިއެވެ.