ކ. މާލެ
|
17 ނޮވެންބަރ 2022 | ބުރާސްފަތި 08:08
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު
އެމްއެމްޕީއާރްސީ
ރާއްޖޭގެ ފަތުރުވެރިކަން
އިތުރު 50 އަހަރަށް ފަތުރުވެރިކަން ގެންދިއުމަށް ހިތްވަރެއް ލިބިއްޖެ: ތޮއްޔިބު
ރާއްޖެއިން ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު 3 އަހަރު ކާމިޔާބުކޮށްފައި
ކޮވިޑްގެ ގޮންޖެހުންތަކާއެކުވެސް ކާމިޔާބީތަކެއް ހޯދިއްޖެ

ރާއްޖެއަށް ލިބުނު ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ލަގަބާއެކު ފަތުރުވެރިކަން އިތުރު 50 އަހަރަށް ގެންދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންގޮސްފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ކޮންމެ އަހަރަކުވެސް މި ދާއިރާއިން ގިނަ އެވޯޑުތަކެއް ދެމުން އަންނައިިރު، ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ޖައްސަޖައްސައިގެން ތިން އަހަރު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ތޮއްޔިބު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަކުރަމުންދާއިރު މުޅި އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި އިތުރު 50 އަހަރަށް މިގޮތުގައި ފަތުރުވެރިކަން ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއީ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ އެންމެންނާއި ދިވެހި ސަރުކާރާއި އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލި ހުޅުވާލުމުގެ ނަތީޖާ ކަމުގައިވެސް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާއެކު މި ސަރުކާރަށް އަދި މުޅި ދުނިޔެއަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސް މިފަދަ ހާލަތެއްގައި ހޭދަކުރިނަމަވެސް ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަން މިއަދު ފެންނަމުންދާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދުވާލެއްގެ މައްޗަށް 4،877 ފަތުރުވެރިން އަންނަމުންދާއިރު، އަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

- ކޮމެންޓް