ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 16:24
ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު
ރާއްޖެއެމްވީ
ގޭންގު ކުށްތައް
ޤާނޫނަށް ގައިގައި ނުހިފޭވަރަށް ގޭންގުތަކުގެ ބޮޑުން ނުފޫޒު ފޯރުވާ: ހަމީދު
ރާއްޖޭގެ އެކި ތަންތަނުގައި ގޭންގުތައް ހަދައިގެން ހަރަކާތްތެރިވަމުން އަންނަތާ 20 ވަރަކަށް އަހަރު
ޤާނޫނީ ގޮތުން މީގެ ކުރިން ކަންކަން ނުކުރެވުމުގެ ސަބަބުން ގޭންގުތައް ބޮޑުވެ، ޖީލުތަކަށް ވަނީ ފެތުރިފައި

ކުރިން ފިޔަވަޅު ނޭޅުމުގެ ސަބަބުން ގޭންގުތައް ބޮޑުވެ، އޭގެ ތެރެއިން ބޮޑުން ގާނޫނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއެކު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖަމާއަތް ހަދައިގެން ހިންގާ އޯގަނައިޒްޑް ކްރައިމް ނުވަތަ ގޭންގު ކުށްތައް ކަމަށެވެ. ރާއްޖޭގެ އެކި ތަންތަނުގައި ގޭންގުތައް ހަދައިގެން ހަރަކާތްތެރިވަމުން އަންނަތާ ވިއްސަކަށް އަހަރުވެފައިވެފައިވާއިރު ޤާނޫނީ ގޮތުން މީގެ ކުރިން ކަންކަން ނުކުރެވުމުގެ ސަބަބުން އެ ގޭންގުތައް ބޮޑުވެ، ޖީލުތަކަށް ފެތުރިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގޭންގުތަކުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަކީ މިހާރު ތަފާތު ބޮޑެތި ވިޔަފާރިތައް ހިންގާ ފަރާތްތައް ކަމަށާއި އެއާއެކު އެ ފަރާތްތަކުން އެކި ކަންކަމުގައި ނުފޫޒުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ބޮޑެތި ކުށްތަކަށް އަރައިގަނެ، ކަންކަން ރޭވުމުގެ އަޑީގަތި ތިބޭ މީހުން ހަނި ފުރުސަތެއްގެ ތެރެއިންވެސް ސަލާމަތް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަންކަމަށް ފިޔަވަޅު ނާޅައި ހުރުމުގެ ސަބަބުން ފާއިތުވި ތަނުގައި ގޭންގުތައް ބޮޑުވެ، އެކި ޖީލުތައް ވަދެ، އޭގެ ތެރެއިން ބައެއް މީހުން މާ ސީނިއަރވެ، ބޮޑެތި މުއްސަނދިންނަށްވެ، ޔޮޓު ފަހަރު ގެންގުޅެ، މާލެ ސަރަހައްދުގެ ތަންތަނުގައި ފިހާރަ ހިންގާ، މި ހުރިހާ ކަމެއް އަންނަނީ ކުރަމުން. ޤާނޫނު މި މީހުންގެ ގައިގައި ނިހިފޭ ވަރަށް މި މީހުން ތަންތަނަށް ނުފޫޒުފޯރުވަމުން އަންނަކަން ވެސް މިއަދު އަޅުގަނޑުމެންނަށް އޮޅިފައި އޮތް ކަމެއް ނޫން،
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު

މިކަމާ ގުޅޭގޮތުން "ރާއްޖެ ޓީވީ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ގޭންގުތަކުގެ ބޮޑުން ނުފޫޒު ފޯރުވާ ވަކި ފަރާތެއް އިސްތިސްނާ ނުވާ ކަމަށެވެ. މިގޮތަށް ވަކި ބަޔަކު ފަހަތުގައި ތިބެގެން ކުށް ކުރާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން މުޅި މުޖުތަމައު އަށް އޭގެ ނުރައްކާ އޮންނާނެ ކަމަށާއި ގޭންގު ކުށްތައް ފަދަ ބޮޑެތި ކުށްތައް ހުއްޓުވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ކީއްކުރަންތޯ މިކަމުގެ ތެރެއަށް ވަންނަންވީ؟ އެއް ކިލޯގެ ދެ ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައިމަ އޭނާ ސަލާމާތް ކުރަން ކީއްކުރަންތޯ ލޯޔަރަކު އެވަރުން އުޅެންވީ، ކީއްކުރަންތޯ އެތެރެއިން ފުލަހަކު އެވަރުން އުޅެންވީ، ކީއްކުރަންތޯ ޕީޖީގައި ހުންނެވި ބޭފުޅަކު އެވަރުން އުޅެންވީ؟ ކީއްވެތޯ ޖުޑީޝަރީގެ ބޭފުޅަކު އުޅެންވީ؟ ކީއްވެތޯ ސިޔާސީ މީހަކު އުޅެންވީ؟ ކީއްވެތޯ ވިޔަފާރިވެރިއަކު އުޅެންވީ؟
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި މިވަގުތު 80 ގްރޫޕް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން 28 ގޭންގުތައް އެކްޓިވްކޮށް ހަރަކާތްތެރިވަމުން އަންނައިރު އޭގެ ތެރެއިން 11 ގޭންގު މާލޭގައި ހަރަކާތްތެރިވާ ކަމަށާއި 17 ގޭންގަކީ އެކި ރަށްތަކުގައި ހަރަކާތްތެރިވާ ގޭންގުތައް ކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުންގެ ރިޕޯޓުތައް ދައްކާ ގޮތުގައި މި ގޭންގުތަކުގައި 3000 އަށްވުރެ ގިނަ މީހުން ހަރަކާތްތެެރިވެއެވެ. މީގެ ތެރެއިން އެކްޓިވްކޮށް، އެކި ކަންކަމުގައި 1700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން ވަނީ "ގުޅިގެން" ގެނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ. މި އޮޕަރޭޝަނުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭގައި ކާމީޔާބީތަކެއް ހާސިލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، މި އޮޕަރޭޝަނުގެ ތެރެއިން ގްރޫޕް ތައް އާއްމުކޮށް ހަކަރާތްތެރިވާ ސަރަހައްދުތަކަށް އެޓެންޑުކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

"ގުޅިގެން" ޕްރޮގްރާމުގެ ދަށުން ކުރި މަސައްކަތްތައް:

  1. 17،479 ސަރަހައްދު ޗެކްކުރި
  2. 7،313 މީހަކު ހުއްޓުވައި ސުވާލު ކުރެވުނު
  3. 70 މީހަކު ހައްޔަރު ކުރި
  4. 826 ވެހިކަލް ޗެކް ކުރި
  5. 81 ވެހިކަލް ޓޯ ކުރި
  6. 85 ޓްރެފިކް ވައިލޭޝަން
  7. 53 މަސްތުވާތަކެތީގެ މައްސަލަ
  8. 36 ސޭފް ހައުސް ރެއިޑް
- ކޮމެންޓް