ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އާންމުންގެ އިތުބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުމަތީގައި ހިންގާ ގްރޫޕް މާރާމާރީތައް މަދުކުރުމަށް ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ޕްލޭންތައް އެކުލަވާލައިގެން ފާއިތުވި ފަސް އަހަރު ތެރޭގައި ގިނަ މަސަައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރުން އިތުރު ކުރުމާއި ބޮޑީވޯން ކެމެރާ ބޭނުން ކުރުން މީގެ ތެރޭގައި ހިމެނޭކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި އައްޑޫގައި ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ވެސް އެ އިދާރާއިން ހޯދި ކާމިޔާބީ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި އާއި ގޭންގު ކުށާއި ހަރުކަށި ފިކުރު ފަދަ ބޮޑެތި ކުށްތައް ހުއްޓުވުމަށް ވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ދުނިޔެ ހުއްޓުމަކަށް އައި ކޮވިޑް-19 އަށް އިޝާރާތް ކުރައްވައި ސީޕީ ވިދާޅުވީ އޭގެ ސަބަބުން ޕްރޮޖެކްޓުތައް ޕްލޭންކުރުމާއި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އަދި ވަސީލަތްތައް މަދުވުމަކީ ވެސް ދިމާވި ގޮންޖެހުމެއް ކަމަށާއި އެ ގޮންޖެހުންތަކާއެކުވެސް 2019 އިން 2024 އަށް އެކުލަވާލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ އަމާޒުތައް ހާސިލުކުރެވުނު ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް ރީސްޓްރަކްޗާ ކުރުމާއި، މުޖުތަމައާ ގާތުން ހިދުމަތް ދިނުމަށް އަވަށްޓެރި ފުލުހުންގެ ޚިދުމަތް ވަރުގަދަ ކުރުމާއި، ގާނޫނީ ގޮތުން ފުލުހުންނަށް ލިބިދޭ ބާރު އިތުރުކޮށް އެތެރޭގެ ހިންގުންތައް ހަރުދަނާ ކުރެވިގެންދިޔުމަކީ ވެސް ބޮޑު ކާމިޔާބީތަކެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއިން ހޯދި ކާމިޔާބީތަކަކީ އެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހީވާގި މަސައްކަތުން ހޯދުނު ކާމިޔާބީތަކެއްކަން ފާހަގަކުރައްވައި ސީޕީ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައި ވެސް ފުލުހުންގެ އިދާރާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް އެ މަސައްކަތްތައް އެގޮތުގައި ދަމަހައްޓައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ކުރަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އަންނަ ލީޑަރޝިޕުން ވެސް ފާއިތުވި ފަސް އަހަރު މަސައްކަތް ކުރި ގޮތަށް މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރައްވަން ނިންމަވާފައެވެ.