ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 23:22
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ
ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަނީ
އިސްލާމިކް މިނިސްޓްރީ
ކިންގް ސަލްމާން މިސްކިތް
ސަލްމާން މިސްކިތުގެ އެއަރ ކޮންޑިޝަން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ސަލްމާން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު މަޑު ކަމުންނާއި ކަރަންޓުގެ ބައެއް މައްސަލަ ދިމާވެގެން އާންމުން ވަނީ އެކަމާއި ޝަކުވާކޮށްފައި

ސަލްމާން މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ތުރުކީވިލާތުގެ ޓެކްނީޝަނުންގެ ޓީމަކުން މިހާރު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގައި ތާޅަފިލިތަކުގެ އަޑު މަޑު ކަމުންނާއި ކަރަންޓުގެ ބައެއް މައްސަލަ ދިމާވެގެން އާންމުން ވަނީ އެކަމާއި ޝަކުވާކޮށްފައެވެ. އެގޮތުން ސަލްމާން މިސްކިތަށް އެތައްހާސް ބަޔަކު މީގެކުރިން ހުކުރު ނަމާދަށް ދިޔައިރު ވެސް އެ މިސްކިތުގައި އޭސީ ނިއްވާފައި ހުރުމުން އެކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ސައުންޑު ސިސްޓަމަށާއި އޭސީއަށް ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި ދާއިމީ ހައްލަކަށް ދިޔުމަށް އެޓީމާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށާފައިވަނީ 1 އޭޕްރިލް 2022 ގައެވެ. އެއީ ސައޫދީ އަރަބިއްޔާގެ އެހީގައި އަޅާފައިވާ މިސްކިތަކަށްވުމުން، މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އެ ގައުމުގެ ވަފުދެއް ރާއްޖެ އައުމުންނެވެ. އެ ވަފުދު ރާއްޖެ ނައިސް ގިނަ ދުވަސްވުމުގެ ސަބަބުން މިސްކިތުގެ މަސައްކަތް ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެތަން ނުހުޅުވާ ހުއްޓެވެ.

Advertisement

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ.

ސަލްމާން މިސްކިތް ނުރަސްމީކޮށް ހުޅުވިތާ ހަތް މަސް ދުވަސްވެފައިވާއިރު އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުގެ ވަފްދު އެތަން ރަސްމީކޮށް ހުޅުވުމަށްޓަކައި ރާއްޖެ އަންނާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުރެއެވެ. ހަތަރުވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް