ހޮރައިޒަން ފިޝަރީސް އިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހަޅާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމެވެ.
މެންބަރު ވިސާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒްއަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ނުހަނު މުހިންމުތަނަކަށް ވާއިރު، މިހާތަނަށް އައި އިރުވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.
ބާނާ މަސް ނުކިރުމުގެ މައްސަލައާއި، ކިރާ މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަތައް ފުނިޖެހި މިއަދު ވެސް މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ. އަދި މި ވަގުތުވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން އަންނަނީ ފައިސާ ހޯދުމަށް އިހްތިޖާޖު ކުރަމުން ކަމަށާއި، އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށްވުރެ އިތުރުވާނެކަމަށް އަންދާޒާ ކުރެވޭ އިރު، މިއީ މަސްވެރިންނަށް އެސަރަހައްދުގައި، ހާއްސަކޮށް ލ. އަތޮޅާއި ތ. އަތޮޅުގައި މަސްވެރިކަން ހުއްޓިގެންދާނެ ކަމެއްކަމަށް ފެންނަ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އަދި މިއީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ އެމީހުންނަށް ލިބެންޖެހޭ އާމްދަނީ ހިފަހެއްޓުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިކަމުގެ ސަބަބުން ލ. އަތޮޅު އަދި އެ ސަރަހައްދުގެ އެހެނިހެން މަސްވެރިން އާއިލާތަކަށް ވެސް ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.
މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދި ސަރުކާރުގެ އެންމެހާ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ގޮވާލާފައިވެއެވެ. މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 43 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.