ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 09:46
އޮޕަރޭޝަން ހޭހަން
އޮޕަރޭޝަން ހޭހަން
ކަރެކްޝަންސް
އޮޕަރޭޝަން ހޭހަން
އޮޕަރޭޝަން ހޭހަންގެ ތެރެއިން އެންމެ ގިނަ ޤައިދީން ދައްކާފައިވަނީ ލޮލުގެ ޑޮކްޓަރުންނަށް
މި އޮޕަރޭޝަން ކުރިއަށްދާނީ ތިން ހަފްތާގެ މުއްދަތަށް

އޮޕަރޭޝަން ހޭހަންގެ ތެރެއިން އެންމެ ގިނައިން ބަންދު މީހުންނާއި ޤައިދީން ދައްކާފައިވަނީ ލޮލުގެ ޑޮކްޓަރުންނަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސުޕްރިންޓެންޑެންޓް އޮފް ޕްރިސަންސް އިބްރާހީމް ނާޝިދު ވިދާޅުވެއްޖެއެވެ.

ނާޝިދު ވިދާޅުވީ އޮޕަރޭޝަން ކުރިއަށްގެންދާއިރު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓު ހޯދުން ކަމަށެވެ. އަދި ޤައިދީން ކަނޑުމަގުން އުފުލާއިރު ވެސް ދަތިތަކާއި ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ޤައިދީންނަށް ހޭހަން އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް 192 ބަންދު މީހުންނާއި ޤައިދީން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެ ސަރވިސް އިން ބުނެއެވެ.

އޮޕަރޭޝަން "ހޭހަން" އިން ފުރަތަމަ ހަފްތާގައި ޤައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުނު ގޮތުގެ ތަފާސްހިސާބުތައް އެކުލެވޭ ވީޑިއޯ އެއް ކަރެކްޝަންސް އިން އާންމުކޮށްފައިވެއެވެ. އެގޮތުން 29 އޮކްޓޯބަރުން 03 ނޮވެމްބަރަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތަފާސްހިސާބު ވަނީ އާންމުކޮށްފައެވެ. އޮކްޓޯބަރު 29 ވަނަ ދުވަހު 10 މީހަކު ޑޮކްޓަރަށް ދައްކާފައިވާއިރު އޮކްޓޯބަރު 30 ވަނަ ދުވަހު 13 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި އޮކްޓޯބަރު 31 ވަނަ ދުވަހު 13 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ނޮވެމްބަރު 03 ވަނަ ދުވަހު 53 މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެއިތުރުން ނޮވެމްބަރު 02 ވަނަ ދުވަހު 68 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ނޮވެމްބަރު 03 ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފައިވަނީ 35 މީހުންނެވެ.

އޮޕަރޭޝަން ހޭހަން ފަށާފައިވަނީ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ. އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދު މީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާ އެކު، އެމީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގާ ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދު މީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓުކޮށް، އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މިއޮޕަރޭޝަންގައި ބައިވެރިވަނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަނުގެ އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ. އަދި އޮޕަރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މެޑިކަލް ޓީމު ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ 8 ޓީމު ހަރަކާތްތެރިވެއެވެ.

އޮޕަރޭޝަން ކޮމާންޑަރު އޭސީޕީ މުޙައްމަދު އާސިފް ވިދާޅުވެފައިވަނީ މި އޮޕަރޭޝަން ކުރިއަށްދާނީ ތިން ހަފްތާގެ މުއްދަތަށް ކަމަށާއި އަމާޒަކީ އޮޕަރޭޝަން ނިމޭއިރު 350އާ 400 ދެމެދުގެ އަދަދަކަށް ޤައިދީންނާއި ބަންދު މީހުން ޑޮކްޓަރަށް ދެއްކުން ކަމަށެވެ.

އަދި މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓު ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާ އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް