ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 19:29
އެމްއެންޔޫ ޖޮބް ފެސްޓިވަލް
އެމްއެންޔޫ ޖޮބް ފެސްޓިވަލް
އެމްއެންޔޫ
އެމްއެންޔޫ ޖޮބް ފެސްޓިވަލް
އެމްއެންޔޫ ޖޮބް ފެސްޓިވަލް ފަށައިފި
މި ޖޮބް ފެސްޓިވަލްއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުދީ، އެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެއް

މޯލްޑިވަސް ނެޝެނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޖޮބް ފެސްޓިވަލް ފަށައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު މި ޖޮބް ފެސްޓިވަލް ފައްޓަވައިދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ.

ޖޮބް ފެސްޓިވަލް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޖޮބް ފެސްޓިވަލަކީ ޒުވާނުންނަށް ހުޅުވިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި މިއީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ މީހުން އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ސާފުކުރަން ލިބޭ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މި ޖޮބް ފެސްޓިވަލްއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުދީ، އެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އެންޓަޕްރައިސް) ޑރ.އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ޖޮބް ފެސްޓިވަލްގެ މަޤްސަދަކީ އެމްއެންޔޫގެ ގްރެޖުއޭޓުންނާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހަވީރު 04:00ން ރޭގަނޑު 10:00ށް މި ޖޮބް ފެސްޓިވަލް ކުރިއަށްދާނެއެވެ.

އެމްއެންޔޫއިން ބުނީ އެގްޒިބިޓަރުންގެ ގޮތުގައި 53 ފަރާތަކުން ބައިވެރިވެފައިވާއިރު 63 ސްޓޯލަށްވުރެން ގިނަ ސްޓޯލް ބަހައްޓާފައިވާ ކަމަށެވެ.

އެމްއެންޔޫ ޖޮބް ފެސްޓިވަލްގައި އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އާރްޑީސީ، އެންޓި ކޮރަޕްޝަން ކޮމިޝަން، ހޯމް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީ ވެސް ހިމެނެއެވެ. މީގެއިތުރުން ޔޫތް މިނިސްޓްރީ އާއި އިލެކްޝަންސް ކޮމިޝަނާއި އެމްޑަބްލިޔުއެސްސީއާ ފުލުހުންގެ އިދާރާ އިން ވެސް ބައިވެރިވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސްޓޯލުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އެ ސްޓޯލުން އަންނަ ރިޔާސީ އިންތިޚާބަށް އެކި ކަންކަމުގައި މުވައްޒަފުން ނަގާނެތީ އެ މަޤާމުތަކަށް ހުޅުވާލާ، މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީ އާއި އާރްޑީސީ އިން ވެސް ބުނީ އެތަނުން މިވަގުތު ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށްދާނެ ދާއިރާތަކާއި ބެހޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މި ޖޮބް ފެސްޓިވަލްގައި އެމްއެންޔޫގެ ދަރިވަރުންގެ އިތުރުން އެހެނިހެން ޔުނިވަރސިޓީތަކާއި އާއްމުންނަށްވެސް ބައިވެރިވުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މިއީ އެމްއެންޔޫއިން ބާއްވާ ދެވަނަ ޖޮބް ފެސްޓިވަލެވެ. އެންމެ ފުރަތަމަ ބޭއްވި ޖޮބް ފެސްޓިވަލުން ވެސް 2500ށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދިޔަ ކަމަށް އެމްއެންޔޫއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް