ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 14:21
ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުންތަކެއް
ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ގޮސް ތިބި މީހުންތަކެއް
ރާއްޖެއެމްވީ
ޑެންގީ ހުން އިތުރުވުން
މިދިޔަ މަހު ރިޕޯޓުކުރި ޑެންގީ ހުމުގެ ކޭސްތައް ބޮޑުތަނުން އިތުރުވެއްޖެ
 
ލޮލުރޯގާ، ފާނަބަސަންދު، އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް ވެސް އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު
 
އޮކްޓޯބަރު މަހު 626 ޑެންގީ ކޭސް ރިޕޯޓްކުރެވުނު

މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ވޭތުވެ ދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރެވުނު އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހު 270 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު މި އަދަދު ގާތްގަނޑަކަށް ދެ ގުނަ ވަނީ އިތުރުވެފައެވެ. އޮކްޓޯބަރު މަހު މި އަދަދު ވަނީ 626ށް އަރާފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރުމަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށްވެފައި ވީނަމަވެސް، އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަމަށް އެ އެޖެންސީން ބުނެއެވެ.

ސެޕްޓެމްބަރު މަހު 33،584 ކޭސް ރިޕޯޓުކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހު 31،750 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާ ބަލާއިރު އަދަދުތައް އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެޗްޕީއޭއިން ބުނީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އޮކްޓޫބަރު މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދު މަދުވެފައިވާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ޓެސްޓު ކުރެވުނު 1203 ސާމްޕަލްގެ ތެރެއިން 134 ސާމްޕަލްވަނީ ޕޮޒިޓިވްވެފައެވެ.

ބޭރަށް ހިންގުމުގެ ކޭސްތައް ވެސް އިތުރުވެފައިވާ އިރު، ސެޕްޓެމްބަރު މަހު 3533 ކޭސް ރިޕޯޓުކޮށްފައިވާ އިރު މިދިޔަ އޮކްޓޫބަރު މަހު 3820 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މި އަދަދުތައް ދައްކާގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ކޭސްތައް ރިޕޯޓުކުރާ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ.

މީގެ އިތުރުން އޮކްޓޫބަރު މަހު ލޮލުރޯގާ، ފާނަބަސަންދު، އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް ވެސް އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް