ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:08
ފާމަސީއަކުން މީހަކު ބޭސް ނަގަނީ
ފާމަސީއަކުން މީހަކު ބޭސް ނަގަނީ
ޔޫސުފް ސޮފްވާން ރަޝީދު
ބޭހުގެ އަގު ކޮންޓްރޯލް ކުރުން
އެކި ނިޒާމުތަކުގެ ތެރެއިން ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ވިސްނުން އެބަހުރި: އައްޒާމް
އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ
އަގު ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް

އެކި ނިޒާމުތަކުގެ ތެރެއިން ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ވިސްނުން އެބަހުރި ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައްޒާމް ވިދާޅުވީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ގެ މަސައްކަތް ފެށިގެން އައިރު މާހައުލު އޮތްގޮތާއި މިހާރު އޮތް ގޮތް ތަފާތު ކަމަށެވެ.

މެކްސިމަމް ރީޓެއިލް ޕްރައިޒް ނުވަތަ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން މާރޗް މަހަށް ސަރުކާރުން ފަސްކޮށްފައިވާއިރު އެކަމަށް އަދި މިހާތަނަށް އަމަލުކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އައްޒާމް ވިދާޅުވީ ކޮވިޑަށްފަހު ކުރީގައި އޮތް ހާލަތަށް ވިޔަފާރިތައް އަނބުރާ ރުޖޫއަވަމުން އައި އިރު، ރަޝިޔާ – ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އަނެއްކާވެސް ވިޔަފާރިތަކަށް އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އެމްއާރްޕީ ތަންފީޒު ކުރުމުގައި އިތުރު ވިސްނުމަކަށް ދާން ޖެހުނު ކަމަށެވެ.

މިކަހަލަ ކަމެއް ކުރާއިރު ޚިދުމަތް ހޯދާ ފަރާތުގެ ޚިދުމަތް ނުހުއްޓޭނެ ގޮތަށް ކަންތައްތައް ކުރުމަކީ މުހިންމުކަމެއްކަން އައްޒާމް ފާހަގަކުރެއްވިއެވެ.

އޭރު މަސައްކަތް ކުރަމުންދިޔަ އަމާޒު ހާސިލުވާން ނަގާ މުއްދަތު އިތުރުވި ކަމަށާއި މިއީ ކޮންމެވެސް ހިސާބަކުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޒާމް އިތުރަށް ވިދާޅުވީ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އަގު ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އައްޒާމް ވިދާޅުވި އާސަންދައިގެ ޚަރަދުތައް އެކަށޭނެ ގޮތަކަށް ބަދަލުކުރުމަށް ބަޖެޓް ޑޮކިއުމަންޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތަށް ކަންތައްތައް ބައްޓަން ކުރެވިއްޖެ ނަމަ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާސަންދަ ބަޖެޓުގެ މައިގަނޑު ބޮޑު ބައެއް ހިއްސާ ކުރަނީ ފާމަސީތަކުން ނަގާ ބޭސް ކަމަށާއި ބޭހަށް ހިނގާ ޚަރަދުތަކުގެ ތެރޭއިން ކުރާ ޚަރަދުތައް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އައްޒާމް ވިދާޅުވިއެވެ.

އައްޒާމް އިތުރަށް ވިދާޅުވީ ބޭސް ވަކި ވަކިން ކުދި ކުދި އެތިކޮޅަށް ގަތުމުގެ ބަދަލުގައި އެފަދަ ބޭސްތައް ގިނައިން ބޭނުންކުރާ ކަހަލަ ޤައުމުތަކާއި ވާހަކަ ދައްކައިގެން އެޤައުމުތަކުން ބޭސް ގަންނަ ނިޒާމުގެ ތެރެއިން ބޭސް ގަނެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

މިއަންނަ އަހަރު ނަތީޖާ ނެރެވި، ރައްޔިތުންނަށް ހުއްޓުމެއް ނެތި ބޭސް ލިބޭނެ ކަމަށް ވެސް އައްޒާމް ވިދާޅުވިއެވެ.

- ކޮމެންޓް