ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 07:05
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރައީސް އޮފީސް
ޗާގޯސް މައްސަލަ
ޗާގޯސް ރާއްޖޭގެ ތަނެއް ކަމަށް ނިންމަން ލިބުނު ފަހު ފުރުސަތު ޔާމީން ސަރުކާރުން ގެއްލުވާލައިފި: ޝާހިދު
އެއްވެސް ޤާނޫނު އަސާސީއެއްގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ކަނޑައަޅާފައި ނުވޭ
ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގައި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވި
ރައީސް ޔާމީން އެންމެ ފަހު ފުރުސަތު ގެއްލުވާލީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލު ނުކުރައްވާތީ

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ނިންމަން ލިބުނު ފަހު ފުރުސަތު 2017ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެއްވެސް ޤާނޫނު އަސާސީއެއްގައި ޗާގޯސްއަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ނުވަ ވަނަ ހަސަން ރަސްގެފާނު، ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވިދާޅުވި ނަމަވެސް އެއީ ޕޯޗުގީޒުންނަށް ދެއްކެވުމަށް ލިޔުއްވި ލިޔުމެއް ކަމަށާއި އޭގައި އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު ހުންނެވި އެއްވެސް ރަސްކަލެއްގެ އެއްވެސް ލިޔުމެއްގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ބާރު އޮތް ކަމަށް ކަނޑައަޅުއްވާފައި ނުވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މިހާރު ދެ ގޮތަށް ދެ ޤައުމަކާއެކު މީގެ ކުރީގެ ސަރުކާރުތަކުން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން، 1992 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށާއި ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޗާގޮސްއާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުންނާއި ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން މިހާރު ސަރުކާރަށް ފާޑުކިޔަމުންދަނީ ހަގީގަތް އެނގިތިބެ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް، ޗާގޮސް އަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ ފުރުސަތު ލިބި، ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރު މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދ އަށް ޤަރާރެއް ހުށަހެޅިކަމަށާއި، އެ ޤަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށް ބަޔާންކޮށްފައި ކަމަށެވެ. އެ ޤަރާރާ ދެކޮޅަށް އޭރުގެ ސަރުކާރުން ވޯޓު ދިނުމަށްފަހު ތިބީ ހަނު ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ގެއްލުވާލިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުުގައި އެއީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ކަނޑައަޅަން ރާއްޖެއަށް ލިބުނު އެންމެ ފަހު ފުރުސަތެވެ. އެހެންކަމުން މިހާރު ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަކީ އިހުލާސްތެރިކަމެއް އޮވެގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިހާރު އެ ސަރުކާރުގެ ރައީސްކަމުގައި ހުންނެވި ބޭފުޅާ، ރައީސް ޔާމީން މިހާރު އެ ދައްކަވާ ވާހަކަފުޅު އެއީ ހިތުގެ އަޑީން ދައްކަވާވާހަކައެއް ނަމަ އެ ފުރުސަތު ނަންގަވާނުލައްވާނެ. އެ ދުވަހު ވަޑައިގަންނަވާނީ އިންޓަނޭޝަނަލް ލޯ އޮފް ކަސްޓިސްއަށް. އެތަނުގައި ހިނގަމުންދިޔަ މައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތު ރާއްޖެއަށް އޮތް. އެއިން އެއްވެސް ކަމެއް ނުކުރައްވާ. އެއީ އޭގެ ކުރީ ސަރުކާރުތަކުން ގަބޫލެއް ނުކުރޭ މިއީކީ ތިމަންމެންގެ ތަނެއް ކަމަކަށް،
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުއްވެވި ސިޓީއާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، އެ ސިޓީގައި ރައީސް ފާހަގަކުރެއްވީ އެފަދަ މައްސަލައެއް ދެން އދ. އަށް ހުށަހަޅައިފިނަމަ ރާއްޖޭން މޮރިޝަސްއާ ދެކޮޅު ނުހަދާނެކަން ކަމަށާއި އިޓްލޮސްގެ ވޯޓެއް ލައިފި ނަމަ އެކަމާ އެއްވެސް ގުޅުމެއް ނޯންނާނެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް