ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 14:50
ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖެއިން މިފަހަރުވެސް ބައިވެރިވޭ
ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖެއިން މިފަހަރުވެސް ބައިވެރިވޭ
އެމްއެމްޕީއާރްސީ
ޑަބްލިއުޓީއެމް ލަންޑަން 2022
80 ކުންފުންޏެއްގެ 173 ބައިވެރިންނާއެކު އެމްއެމްޕީއާރުސީއިން ޑަބްލިއުޓީއެމް ލަންޑަން 2022 ގައި ރާއްޖެ ތަމްސީލްކުރަނީ
މި އަހަރު އަލަށް 360 ޑިގްރީގެ ކެމެރާ ބޭނުންކޮށް، ރާއްޖޭގެ ރީތި މަންޒަރުތަކާއެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތަކާއި ސަނީ ސައިޑް އޮފް ލައިފްގެ ޚާއްޞަ ތަޖުރިބާތަކާއި، ހަރަކާތްތައް 420 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައި ދައްކަމުން ގެންދާނެ

ޓޫރިޒަމް އިންޑަސްޓްރީގެ 80 ކުންފުންޏެއްގެ 173 ބައިވެރިންނާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރކަމުގައިވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2022 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޑަބްލިއުޓީއެމް ހަރަކާތް ކުރިއަށްދަނީ އެކްސެލް ލަންޑަންގައި ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރު ޑަބްލިއުޓީއެމް ލަންޑަނުގައި ރާއްޖޭގެ ވަފުދު ލީޑްކުރައްވަނީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު (ސީއީއޯ / އެމްޑީ) ތޮއްޔިބު މުޙައްމަދެވެ.

މި ފެއަރގައި އެމްއެމްޕީއާރުސީއިން އިންޑަސްޓްރީ ޕާޓްނަރުންނާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓްތަކާއި ރާއްޖޭ ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތަކާއި ސަނީ ސައިޑް އޮފް ލައިފްގެ ޚާއްޞަ ތަޖުރިބާތަކާއި، ހަރަކާތްތައް 420 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައި ދައްކަމުން ގެންދާނެއެވެ. ޑަބްލިޔުޓީއެމް ލަންޑަނުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުން މި އަހަރު އިތުރަށް ޚާއްޞަވެގެން ދަނީ، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭ ރަން ޔޫބިލް އަހަރު ކަމަށްވާތީއެވެ. ތިން ދުވަހުގެ މި ހަރަކާތުގެ ތެރެއިން ރާއްޖެއަށް އިނގިރޭސިވިލާތާއި ދުނިޔޭގެ ފެންވަރުގައި އޮތް މަގުބޫލުކަން ދަމެހެއްޓުމުގެ މަޤްސަދުގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

ރާއްޖޭގެ ސްޓޭންޑްގައި މި އަހަރު އަލަށް 360 ޑިގްރީގެ ކެމެރާ ބޭނުންކޮށް، ރާއްޖޭގެ ރީތި މަންޒަރުތަކާއެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ މަޤްސަދަކީ ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަރޗުއަލްކޮށް، ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. ސްޓޭންޑްގައި ހިންގާ އެހެން ހަރަކާތްތަކުގެ ތެރޭގައި ޕްރެސް ޕެކްތައް ބެހުމާއި، 2023 ވަނަ އަހަރުގެ ޑެސްޓިނޭޝަން ގައިޑް ލޯންޗުކުރުމާއި، ގްލޯބަލް މާކެޓިންގ މަސައްކަތުގެ ތެރެއިން އަންނަ އަހަރު އެމްއެމްޕީއާރުސީއިން ހިންގުމަށް ރާވާފައިވާ ހާއްސަ ހަރަކާތެއް ލޯންޗުކުރުން ހިމެނެއެވެ.

ޑަބްލިއުޓީއެމް ލަންޑަނަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ތީމާއި ގުޅުވައިގެން "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި ބާއްވާ ހާއްސަ ޕްރެސްކޮންފަރެންސްއެވެ. ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެމްއެމްޕީއާރުސީއިން ބާއްވާ މި ހަރަކާތުގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބާނީ ހުސައިން އަފީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. އަބްދުﷲ މައުސޫމް؛ އިނގިރޭސިވިލާތާއި، ގްރޭޓް ބްރިޓަން، އަދި އަޔަލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، ޑރ ފަރާ ފައިޒަލް އަދި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މި ދުވަސްވަރާ ދިމާކޮށް، އިނގިރޭސިވިލާތުގައި ރާއްޖެ ސްޓްރެޓަޖިކަލީ ޕްރޮމޯޓުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެޤައުމުގެ މައި ތިން ސިޓީއެއްގައި ރޯޑްޝޯތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯ ސީރީޒް ކުރިއަށްދާނީ ލަންޑަން، މެންޗެސްޓާ، އަދި ނިއުކާސަލްގައި ނޮވެމްބަރު މަހުގެ 9، 10، އަދި 11 ގައެވެ.

- ކޮމެންޓް