ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ޙިއްޞާ ކުރާ ބަލިތަކަކީ ޞިއްޙަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތައް ކަމަށް ސްޓެޕް ސަރވޭއިން ދައްކައިފިއެވެ.
ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި 2020-2021 ގައި ކުރެވުނު ސަރވޭ ކަމަށްވާ "ޑަބްލިއު އެޗް އޯ ސްޓެޕްސް ސާރވޭ އޮން ރިސްކް ފެކްޓާރސް ފޯރ ނޮންކޮމިއުކަބަލް ޑިޒީސަސް"ގެ ނަތީޖާ އިއުލާނު ކުރުމާއި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" ޢާންމު ކުރުމުގެ އިތުރުން، މި ޕްލޭންގައިވާ ކަންކަން ތަންފީޒުކޮށް، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި މިހާރު ހުރި ނިޞްބަތުން 25 އިންސައްތަ 2030ގެ ނިޔަލަށް، ދަށް ކުރުމަށް ހިންގާ ކެމްޕޭން "30 އިން 25" އިފްތިތާހުކޮށްފައިވެއެވެ.
މި ސަރވޭ އިން ދައްކާގޮތުން ގައިންގަޔަށް ނާރާ ބަލިތަކަކީ، އެކެއްގެ ފަރާތުން އަނެކަކަށް ވާޞިލުނުވާ އަދި ދިރިއުޅުމުގެ މާޙާއުލާ އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މިފަދަ ބަލިތަކަކީ، ދުރާލާ ވިސްނައިގެން އުޅެފި ނަމަ އެއިން ރައްކާތެރިވެވިދާނެ ބަލިތަކެވެ. އަދި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަކީ ވެސް، ސަރުކާރުގެ ސިޔާސަތާއި، އަމިއްލަ އަދި ޖަމާޢަތުގެ ފެނަވަރުގައި ކުރެވޭ މަސައްކަތުން ބަދަލު ކުރެވިދާނެ ކަންކަމެވެ.
ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ޙިއްޞާ ކުރާ ބަލިތަކަކީ ޞިއްޙަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މީގެތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ، ކެންސަރު، ހިތުގެބަލި، ސްޓްރޯކް، ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި އަދި ނަފްސާނީ ބަލިތަކެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތައް ނުވަތަ ރިސްކު ފެކްޓާރސްތަކަކީ ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުމާއި ވައިގެ ނުސާފުކަމާ އަދި މިނޫން ވެސް ޞިއްޙަތާ ބީރައްޓެހި އެހެން އާދަތަކެވެ.
ސްޓްޕްސް ސާރވޭ 2020-2021 ކުރެވުނީ 15 އަހަރާ 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ މީހުންގެ މެދުގައެވެ. ޞިއްޙީ ދާއިރާގެ އެދުމަކަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ އެހީތެރިކަމާ އެކު ސަރވޭގެ މަސައްކަތް ކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވަރިސިޓީގެ ފަރާތުން އަދި ހެލްތު ވޯރކަރުންގެ ބައިވެރިވުމާ އެކުއެވެ.
ސަރވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި
- ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ (ކޮންމެ 4 މީހަކުން 1) ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 7.6 އިންސައްތަ މީހުންނަކީ އަންހެނުން އަދި 35.6 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. ސާރވޭ އިން ލިބުނު މަޢުލޫމާތަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ އެންމެ ހަގު އުމުރަކީ 8 އަހަރެވެ.
- ރާއްޖޭގެ އާބާދީގެ %80 މީހުން (ކޮންމެ 5 މީހުންގެ ތެރެއިން 4 މީހުން) ދުފައެވެ. މީގެ ތެރެއިން ކޮންމެ 2 މީހަކުން އެކަކު (%56.2) މީހުންނަކީ ކޮންމެ ދުވަހަކު ދުފާ މީހުންނެވެ.
- ރާއްޖޭގެ އާބާދީގެ %5 މީހުން (ގާތްގަނޑަކަށް 5900 މީހުން) ބަނގުރާ ބޭނުންކުރެއެވެ. މީގެ ތެރެއިން ކޮންމެ 4 މީހަކުން އެކަކު އެއީ ކޮންމެ ދުވަހަކު ބަނގުރާ ބޭނުންކުރާ މީހުންނެވެ.
- ރާއްޖޭގެ އާބާދީގެ %26.5 މީހުން (ގާތްގަނޑަކަށް 47500 މީހުން) މަސްތުވާތަކެތި ބޭނުންކުރެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން %1.9 މީހުން ކޮންމެ ދުވަހަކު މިތަކެތި ބޭނުންކުރެއެވެ.
- ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 2 މީހުން، ލޮނު ހިމެނޭ ސޯސް، ކެއުމުގައި ބޭނުން ކުރެއެވެ. އަދި ކޮންމެ 5 މީހަކުން އެކަކު (%20 މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅައެވެ.
- ރާއްޖޭގެ އާބާދީގެ %54 މީހުން، ލޮނު ގިނައިން ހުންނަ ޕްރޮސެސްޑް ކާނާ ކައެވެ.
- ދުވާލަކު 3-2 ސާރވިން މޭވާ ކާން ޖެހޭއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން 6 މީހަކު ކަނީ މޭވާގެ އެންމެ ސާރވިންއެކެވެ.
- ދުވާލަކު ކެއުމުގައި 5-2 ސާރވިން ތަރުކާރީ ކާން ޖެހޭއިރު %85.2 މީހުން ކަނީ އެންމެ ސާރވިންއެކެވެ.
- ރާއްޖޭގެ އާބާދީގެ %65 މީހުން ކަސްރަތު ލިބޭ (މެދުމިނުގެ ކަސްރަތު) ކޮންމެ ވެސް ޙަރަކާތެއްގައި ބައިވެރިވެއެވެ.
- ގާތްގަނޑަކަށް %70 މީހުން، (އެއްގަމުގައި) އެއްތަނުން އަނެއްތަނަށް ދަނީ ދުއްވާ އެއްޗެއްގައެވެ.
- އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ (%52.1) ޞިއްޙީގޮތުން ބަލާއިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ މީހުންނެވެ. މީގެ ތެރެއިން %46.3 މީހުންނަކީ ފިރިހެނުންނެވެ. %58.8 އަކީ އަންހެނުންނެވެ. ފިރިހެނުންގެ %10 އަދި އަނހެނުންގެ %20 މީހުންނަކީ ޞިއްޙީ މިންގަނޑުން ބަލާއިރު އާދަޔާ ޚިލާފަށް ބަރު ނުވަތަ ފަލަ މީހުންނެވެ.
- ކޮންމެ 20 މީހަކުން އެކަކު (ގާތްގަނޑަކަށް 25000 މީހުން) އަމިއްލަށް ނަފްސަށް ގެއްލުން ދިނުމަށް ވިސްނާފައިވެއެވެ.
- ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ތެރެއިން އަނިޔާއެއް ލިބިފައިވެއެވެ. މީގެ ތެރެއިން %6 އަނިޔާ ލިބެނީ 2 ފުރޮޅުލީ އުޅަނދު ދުއްވާ މީހުންނަށެވެ.
- ގާތްގަނޑަކަށް ކޮންމެ 5 މީހަކުން 1 އަށް ޑިޕްރެޝަން އިހުސާސް ކުރެވެއެވެ.
މީގެ އިތުރުން ވެސް މި ސާރވޭ އިން ތަފާތު ގިނަ އެހެން މަޢުލޫމާތުތައް ލިބިފައިވެއެވެ.
"ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން' އަކީ 2023 އިން 2030 އަށް ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލުކޮށް ސަރަޙައްދީ އަދި ބައިނަލް އަޤްވާމީ ޕްލޭންތަކަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަށް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތުގެ މަގު ޗާޓު ހިމެނޭ ޕްލޭނެކެވެ.
މި އެކްޝަން ޕްލޭންގައި ހިމެނިފައިވާ މައިގަނޑު ކަންތައްތަކަކީ
- ނިޞްބަތުން ޚަރަދު ކުޑަ އެކަމަކު ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ޙަރަކާތަތައް ނުވަތަ (ބެސްޓް ބައިސް) އަށް އިސްކަންދިނުން
- ދުރާލާ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިވުމާއި ފަރުވާދިނުން
- ޞިއްޙީ ޚިދުމަތުގެ އެކި ފަންތީގެ މަރުކަޒުތަކުގައި ޤާއިމުކުރާނެ ގޮތްތައް
- ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިތަކަށް ފަރުވާ ދިނުން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި، އިބްތިދާޢީ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން މިފަދަ ޚިދުމަތްތައް ދޭނޭ ގޮތް
- ޞިއްޙީ މަޢުލޫމާތު ދިނުމުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިވުމަށާއި، ނުރަނގަޅު އާދަތައް ބަދަލުކުރުމަށް އިރުޝާދު ދީ އެހީތެރިވުން، އަދި ޞިއްޙަތަށް ސަމާލުކަންދޭ މުޖްތަމަޢުއެއް ބިނާ ކުރުމުގައި، ތަޢުލީމާ އުނގަންނައިދިނުމުގެ މަރުކަޒުތަކުން އިސްދައުރެއް އަދާކުރުން
- ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ކަމާގުޅޭ މުއައްސަސާތަކުގެ ޢަމަލީ ބައިވެރިވުމާއި އަދި ދައުލަތާ މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ވިޔަފާރިތައް ވެސް ޝާމިލުކޮށްގެން ކުރިއަށް ގެންދިއުމަށް ވިލަރެސްކޮށް މޮނީޓަރު ކުރާނޭ ނިޒާމެއް ޤާއިމުކުރުން
މި ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ވިލަރެސްކޮށް، ތަންފީޒީ އިދާރާތަކަށް ލަފާދީ، ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލު ކުރެވޭ މިންވަރު ދެނެގަނެ ފާރަވެރިވެ މޮނީޓަރު ކުރުމަށް، ސްޓިއަރިން ކޮމިޓީއެއް ވަނީ އެކުލާވާލާފައެވެ. މިނިސްޓަރ އޮފް ހެލްތުގެ ރިޔާސަތު ބަލަހައްޓާ މި ކޮމިޓީގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ތަމްޘީލް ކުރެއެވެ.
"30 އިން 25" ކެމްޕެއިން ރިބްރޭންޑުކޮށް އަލުން އިފްތިތާޙު ކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ކުރާ މަސައްކަތްތަކުގެ ހުރިހާ ކަމެއް، ވަކިން ޚާއްޞަކޮށް ހޭލުންތެރިކުރުމާއި ވަކާލާތު ކުރުމާއި އާއްމު ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ކުރިން ހިންގަމުން އައި "25 އިން 25" ކެމްޕެއިން ރިބްރޭންޑްކޮށް ކެމްޕެއިންގެ މުއްދަތު ޕްލޭނާ އެއްގޮތަށް މުއްދަތު އިތުރުކޮށް އިފްތިތާޙު ކުރެވިފައިވެއެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލު ކުރުމަށް ކުރެވޭ ޖުމްލަ މަސައްކަތުގައި އަމާޒު ކުރެވިފައިވާ ޖުމްލަ ނަތީޖާއަކީ 2030 އާއި ހަމައަށް ރާއްޖޭގައި އެން.ސީ.ޑީޒް ނިސްބަތުން 25 އިންސައްތަ މަދުކޮށް، ބައިނަލް އަޤްވާމީ ލަނޑުދަނޑި (ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 3.4) ގައި ވާ ފަދައިން އެން.ސީ.ޑީޒް 3 ބައިކުޅަ 1 ބަޔަށް ދައްކުރުމެވެ.