ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 08:02
2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގައި ފިރްމީނިއޯ ޓީމްގެ އެހެން ކުޅުންތެރިންނާ އެކު
2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގައި ފިރްމީނިއޯ ޓީމްގެ އެހެން ކުޅުންތެރިންނާ އެކު
ރޮއިޓާސް
ވޯލްޑް ކަޕް 2022
ބްރެޒިލްގެ ވޯލްޑްކަޕް ސްކޮޑުން ލިވަޕޫލްގެ ފިރްމީނިއޯ އަށް ޖާގައެއް ނެތް!
 
39 އަހަރުގެ ޑެނީ އަލްވެސް ސްކޮޑްގައި ހިމެނޭ
 
ބްރެޒިލްގެ ފުރަތަމަ މެޗު މިމަހު 24 ގައި

މިމަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑުން ލިވަޕޫލް ފޯވަޑް ރޮބާޓޯ ފިރްމީނިއޯ ބާކީކޮށްފިއެވެ.

ކޯޗު ޓީޓޭ އިއުލާންކުރި ސްކޮޑްގެ ފޯވާޑުންގެ ލިސްޓުން ފިރްމީނިއޯ އުނިކޮށް ޖާގަ ދިނީ އާސެނަލް އަށް ކުޅެމުން އަންނަ ގަބްރިއަލް މާޓިނެލީއަށެވެ. 21 އަހަރުގެ މާޓިނެލީ ވަނީ މިސީޒަންގެ ޕްރިމިއަރ ލީގުގައި 13 މެޗުން ފަސް ގޯލް ޖަހާފައެވެ. 31 އަހަރުގެ ފިރްމީނިއޯ 13 މެޗުން ލިވަޕޫލަށް 12 މެޗުން ވަނީ ހަ ގޯލް ޖަހާފައެވެ. މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި ފަހުން ފިރްމީނިއޯ އަށް ޖާގައެއް ނުދެއެވެ. އެކަމަކު ޤައުމީ ޓީމަށް މިހާތަނަށް ދެ މެޗު ކުޅެފައިވާ ބްރެޒިލްގެ ފްލެމިންގޯ އަށް ކުޅެމުން އަންނަ ޕެޑްރޯ އަށް ކޯޗު ޖާގަ ދިނެވެ. ސެޕްޓެމްބަރު މަހު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކުން ފުރުޞަތު ނުލިބުނަސް ރަނގަޅު ފޯމެއްގައި ހުރި ޖެސޫސް އަށް ބްރެޒިލްގެ ކޯޗުގެ އިތުބާރު އެބައޮތެވެ. އާސެނަލްގެ ފޯވާޑަށް ޓީމުން ވަނީ ޖާގަ ދީފައެވެ. އެކަމަކު އޭނާއާ އެކު އާސެނަލް އަށް ކުޅެމުން އަންނަ ޑިފެންޑަރު ގަބްރިއެލް އަށް ފުރުޞަތެއް ނެތެވެ. މީގެއިތުރުން ފުރުޞަތު ގެއްލުނު މަޝްހޫރު ކުޅުންތެރިއަކީ މިޑްފީލްޑަރ ކުޓީނިއޯއެވެ.

ވޯލްޑްކަޕްގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ވާދަކުރާނީ ސާބިއާއާ އެވެ. އެގްރޫޕްގައި ދެން އޮތީ ސްވިޒަރލެންޑާއި, ކެމަރޫންއެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އަށް އެންމެފަހުން ތަށޮ އުފުލާލެވުނީ 2002 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ކްއާޓަރ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 ން ބަލިވެ ކެޓީއެވެ.

ބްރެޒިލްގެ ކޯޗު ޓީޓޭގެ ސްކޮޑްގައި އިނިގިރޭސި ޕްރިިމިއަރ ލީގުގައި ކުޅޭ 12 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު ބެކާ އާއި މެންޗެސްޓަރ ސިޓީގެ ކީޕަރު އެޑަސަން ހިމެނެއެވެ. ޓީމުގައި އެންމެ ވާދަވެރި އެއް މަޤާމަކީ ވެސް މިއީއެވެ. ޗެލްސީގެ ޑިފެންޑަރ ތިއާގޯލް ސިލްވާގެ އިތުރުން މެކްސިކޯގައި ކުޅެމުން އަންނަ 39 އަހަރުގެ ޑެނީ އަލްވެސްއަށް ވެސް ކޯޗު ވަނީ ފުރުޞަތު ދީފައެވެެ.

ބްރެޒިލްގެ އެންމެ ވަރުފަދަ ޑިޕާރޓްމަންޓުގެ ގޮތުގައި ފާހަގަކުރެވެނީ ގޯލްކީޕަރާއި, ފޯވާޑް ލައިނެވެ. ބްރެޒިލްގެ ކުރިއަށް ކުޅެން ތިބި ކުޅުންތެރިންގެ ތެރޭގައި ނޭމާ, ވިނީޝިއުސް ޖޫނިއަރ, ރޮޑްރީގޯ, ޖެސޫސް, އެންތޮނީ, އަދި ރިޗާލިސަން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް