އިރާން މިނިވަން ކުރައްވާނެމަށް ވިދަޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަމަށް ވައުދުވެވަޑައިގެންފިއެވެ.
ޖޯ ބައިޑެން މިފަދައިން ވައުދުވެވަޑައިގަތީ ބުރާސްފަތި ދުވަހު ވެސްޓް ކޯސްޓް ކެމްޕެއިން އިވެންޓެއްގައި އެއްވެ ތިބި މީހުންގެ ކުރިމަތީގަ ވާހަކަފުޅުދައްކަވަމުންނެވެ. އެ ސަރަހައްދުގައި އިރާންގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ މީހުންނަށް ތާއީދުކުރާކަން އަންގާދޭ ބެނާތަކާއި އެކު ބައެއް މީހުން ވަނީ ހަރަކާތްތެރިވެފައެވެ. ބައިޑެން ވަނީ އީރާން ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ މީހުންނަށް ވަރަށް އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިރާން ސަރުކާރުގެ އަނިޔާވެރި އަމަލުތަކުން މިނިވަން ވުމަށް އަޑު އުފުލާ މީހުން ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ބައިޑެން އީރާން މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރައްވާނެ ގޮތެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އީރާންގައި މަހުސާ އަމީނީ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ބުރުގާ އަޅާފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބުނެ، އީރާނުގެ ފުލުހުން ހައްޔަރުކޮށްފައި ވަނިކޮށް އޭނާ މަރުވި ހިސާބުން އިރާނުގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ފަށާފައެވެ. އޭނާ މަރުވީ ފުލުހުން ދިން އަނިޔާތަކާއި ގުޅިގެން ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރި ނަމަވެސް އީރާނުގެ ސަރުކާރުން އެކަން ދޮގުކުރެއެވެ.