އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއާ މެދު ކަންތައް ކުރެވުނީ ވަރަށް ދެރަކޮށް ކަމަށް ވިދާޅުވެ، ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކެރީން ޖީން ޕިއޭރް ޑިމޮކްރަޓިކް ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ބައިޑަންގެ ދައުރުގައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޖީން ޕިއޭރް ވިދާޅުވީ، 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ބައިޑަން އިއުލާން ކުރެއްވި ވަގުތު، އޭނާ ވަރަށް ބޮޑަށް ހައިރާންވެ، ކަންބޮޑުވި ކަމަށެވެ.
"އިންޑިޕެންޑެންޓް: އަ ލުކް އިންސައިޑް ބްރޯކަން ވައިޓް ހައުސް، އައުޓްސައިޑް ދަ ޕާޓީ ލައިންސް"ގެ ނަމުގައި ނެރުމަށް ތައްޔާރު ވަމުން އަންނަ މެމޮއާގައި ޖީން ޕިއޭރް ލިޔުއްވާފައި ވަނީ، އިންތިޚާބުގައި ވާދަ ނުކުރައްވަން ބައިޑަން ނިންމެވި ނިންމުމާ މެދު އޭނާ ހިތްހަމަ ޖެހިގެން ހުރި ނަމަވެސް، އެކަމާ މެދު ރުޅި އައިސް އަދި ހިތާމަ ކުރި ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ ބައިޑަން އަކީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި 50 އަހަރަށް ވުރެ ގިނަ މުއްދަތެއް ހޭދަ ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް، ބައިޑަންގެ އަމިއްލަ ޕާޓީ އިން އޭނާއާ މެދު ކަންތައް ކުރި ގޮތާއި، މުއާމަލާތް ކުރި ގޮތުން ވަރަށް ބޮޑަށް ރުޅި އައިސް އަދި ހިތާމަ ކުރި ކަމަށެވެ. އެއީ ހަގީގަތުގައި ވެސް ވަރަށް ހިތާމަވެރި އަދި ލަދުވެތި ކަމެއް ކަމަށް ޖީން ޕިއޭރް ވިދާޅުވި އެވެެ.
ޖީން ޕިއޭރް ވަނީ 2022 ވަނަ އަހަރުން ފެށިގެން، 2025 ވަނަ އަހަރާ ހަމައަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު އޮތް ރިޔާސީ ބަހުސްގައި ބައިޑަންގެ ފެންވަރު ދަށްވުމާ ގުޅިގެން، ބައިޑަންއާ ދެކޮޅަށް ޑިމޮކްރަޓިކް ޕާޓީ އިން "ފަޔަރިންގ ސްކޮޑެއް" އެކުލަވާލި ކަމަށެވެ.
ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ކެމްޕެއިންގައި ވެސް މަސައްކަތް ކުރައްވާފައިވާ ޖީން ޕިއޭރް ވިދާޅުވީ، ބައިޑަންގެ އަސާސީ ޤަބޫލު ކުރުންތަކާއި، ޕާޓީގެ ވިސްނުންތަކާ ތަފާތުވީ ނަމަވެސް، ޑިމޮކްރަޓިކް ޕާޓީއާ މެދު ދެ ވަނަ ވިސްނުންފުޅެއް ގެންގުޅުއްވާފައި ނެތް ކަމަށެވެ.
އުމުރުން 51 އަހަރުގެ ޖީން ޕިއޭރް ވަނީ އޭނާ ޑިމޮކްރަޓިކް ޕާޓީ އިން ވެސް ވަކިވެ ވަޑައިގެންފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން އޭނާ ހުންނަވަނީ އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ މިނިވަން މެމްބަރެއްގެ ގޮތުގައި ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ރިޔާސީ ދެ ދައުރުގައި ވެސް ނައިބު ރައީސް އަކަށް ހުންނެވި ބައިޑަން، އެ ޤައުމުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އެ އިންތިޚާބުގައި އޭނާ ވަނީ ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އެ ފަހަރު ޓްރަމްޕް މަސައްކަތް ކުރެއްވީ ރިޔާސީ ދެ ވަނަ ދައުރެއް ހޯދުމަށެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަަވައި، ދެ ވަނަ ދައުރެއް ހޯދުމަށް ބައިޑަން މަސައްކަތް ކުރެއްވި އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ބައިޑަން ހޯއްދެވިއިރު، ކެމްޕެއިން ތެރޭގައި ވެސް ބައިޑަންގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން އެކިި ވާހަކަތައް ދިޔައީ ދެކެވެމުންނެވެ.
އޭގެ ފަހުން ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމެންސްއާ ގުޅިގެން ވެސް ފާޑު ކިޔުން އަމާޒުވި އެވެ. ބައިޑަންއާ ވާދަ ކުރެއްވި މިހާރުގެ ޓްރަމްޕްއާ އެކު އޮތް ބަހުސް އަށް ފަހު، ބައިޑަންގެ ޤާބިލު ކަމާ މެދު އިތުރު ސުވާލު ތަކެއް އުފެދުނެވެ.
ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން އައިއިރު، އޭގެ ދެ ހަފުތާ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވާން ނިންމަވައިފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ބައިޑަން ރިޔާސީ ރޭހުން ވަކިވާން ނިންމެވީ ވެސް، ޑިމޮކްރަޓިކް ޕާޓީގެ ތެރެއިން އަމާޒުވަމުން އައި ފާޑު ކިޔުންތަކާއި ކުރިމަތި ވަމުން އައި ޕްރެޝަރުގެ ސަބަބުންނެވެ.