ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 11:53
ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
ކޮޕް27 ސަމިޓު
ލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިސްރަށް
ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް
ރައީސް ނަޝީދު ގެންދަވަނީ ލަންކާ ސަރުކާރާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން

ކޮޕް ސަމިޓުގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 27 ވަނަ "ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ކޮޕް 27) ގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހުގެ ހެނދުނު ރައީސް ނަޝީދު މިސްރުގެ ޝާމް އަލް ޝާއިޚްއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މިއީ އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ޤައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ނަޝީދުގެ މި ދަތުރުފުޅަކީ މި މަހުގެ 4 އިން 9 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޮޕް ސަމިޓުގައި 8 ނޮވެމްބަރު ވާ އަންގާރަ ދުވަހު ބާއްވާ ކްލައިމެޓް ޕްރޮޕެރިޓި ޕްލޭންސް ފްލެގްޝިޕް އިވެންޓު ކަމަށްވާ "ޕޭވިންގ ދަ ވޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ ކްލައިމެޓް ވަލަނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވައި އިންތިޒާމް ކުރާ ބައްދަލުވުމެކެވެ. މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ޤައުމީ ޕްލޭންތައް އެކުލަވައިލުމުގައި ޤައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާނެއެވެ.

މި ދަތުރުފުޅުގައި ސީވީއެފް އާއި ވީ 20 ގެ އިސް އޮފިޝަލުންނާ ވެސް ރައީސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުނެއެވެ.

ކޮޕް27 ގައި ނަޝީދު ލަންކާ ތަމްސީލު ކުރައްވާއިރު އެމަނިކުފާނު ގެންދަވަނީ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހެ އާ އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެ މަނިކުފާނުގެ އެޑްވައިޒަރަކަށް ވެސް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނަޝީދު އައްޔަން ކުރެއްވިއެވެ. އެއީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ބޭރުގެ އެހީ ހޯދުމަށާއި ލަފާ ހޯދުމަށް އައްޔަން ކުރި މަގާމެކެވެ.

ކޮޕް27 ގައި ރާއްޖެ ތަމްސީލު ކުރައްވާ ވަފުދާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ހުކުރު ދުވަހު މިސްރަށް ފުރާވަޑައިގެންފައެވެ. މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

- ކޮމެންޓް