މިއަހަރަށް އިތުރު ބަޖެޓެއް ބޭނުންވަނީ ސަރުކާރުގެ އާ ސިޔާސަތުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ބޭނުންވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ ސަރުކާރުން މިއަހަރު ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުވާނެތީ އިތުރު ބަޖެޓެއް ބޭނުންވާ ކަމަށް ހުށަހަޅާފައިވަނީ ހާއްސަކޮށް ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހުނު ޚަރަދު ބޮޑުވުމުން ކަމަށެވެ. އެގޮތުން، ފިޔުލް ސަބްސިޑީ މިއަހަރުގެ ބަޖެޓުގައި ލަފާ ކޮށްފައިވާ އަދަދަކީ ސާފު ނުކުރާ ތެޔޮ ފިފާއެއްގެ އަގު 69 ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކޮށް ކަނޑައެޅި އަގެއް ކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އައި ބަދަލާއެކު ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލި، މިހާރު ވެސް 100 ޑޮލަރާ އެއްވަރެއްގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ގަންނަނީ ސާފު ކުރި ތެޔޮކަން ފާހަގަކުރައްވައި ސަރުވަޝް ވިދާޅުވީ އެއަށްވެސް އިތުރު ޚަރަދު ދާނެ ކަމަށެވެ. އަދި ދެ ވައްތަރުގެ ތެލުގެ ޕްރިމިއަމްގައި 20 އިންސައްތައިގެ ތަފާތެއް ކުރިން ހުރިއިރު މިހާރު އެ އަދަދު 30 އިންސައްތައަށް އަރާފައިވާ ކަމަށާއި އެއާއެކު ފިޔުލް ސަބްސިޑީއަށް ކުރާ ޚަރަދު ފިސްކަލް ސްޓްރެޓެޖީގައި 1.9 ބިލިއަން ރުފިޔާއަށް އަންދާޒާ ކުރި ނަމަވެސް މިހާރު އެ އަދަދު 2.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކާއެކީގައި ފިޔުލް ސަބްސިޑީއަށް ކުރާ ހޭދަ 340 މިލިއަން ރުފިޔާއިން، ފިސްކަލް ސްޓްރެޓެޖީގައި އަންދާޒާ ކުރީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއޭ. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ 2.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް، ފިސްކަލް ސްޓްރެޓެޖީގައި ވެސް އަޅުގަނޑުމެން ދެންނެވިން ބަޖެޓަށް އިތުރު ފައިސާ ބޭނުންވާކަން. އޭރު އަޅުގަނޑުމެން އަންދާޒާ ކުރީ 41.5 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް. އެކަމަކު މިހާރު އަންދާޒާ ކުރެވެނީ 42 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް މިއަހަރުގެ ބަޖެޓު،ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް
ތެލުގެ ސަބްސިޑީގެ އިތުރުން މަޝްރޫއުތަކުގެ ހިންގުން އަވަސްވުމަކީވެސް ޚަރަދު އިތުރުވާނެ ސަބަބެއް ކަމަށް ސަރުވަޝް ވިދާޅުވިއެވެ. އެގޮތުން، މިއަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ހިނގާނެ ޚަރަދުވެސް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ބަޖެޓާއެކު މިއަހަރަށް އިތުރު ބަޖެޓެއް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގައި ވިދާޅުވުމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން، ހުށަހަޅާފައިވާ އާ ބަޖެޓާއެކު މަޖިލީހުން މިއަހަރަށް ފާސް ކުރި ބަޖެޓަށްވުރެ އިތުރުވާނެ ކަަމަށާއި މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ ގައި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސްކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހަދައި އެފައިސާ ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސްކުރިން މަޖިލީހަށް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިިގެން ސަރުވަޝް ވިދާޅުވީ 2021 ވަނަ އަހަރު ވެސް މިގޮތަށް ބަޖެޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، 2021 ވަނަ އަހަރު ސަނީސައިޑް ބޮންޑުގެ ރީޕޭމަންޓް 2022 އަށް ޕްލޭންކޮށްފައި އޮތްއިރު 2021 ވަނަ އަހަރު މާކެޓަށް އައި ބަދަލުތަކާއެކު މާކެޓް ކޮންފިޑެންސް އިޔާދަ ކުރުމަށް އެ ބޮންޑުގެ ބައެއް ދައްކަން 2022 ވަނަ އަހަރުގެ ބަޖެޓުގައި އޮތް ޚަރަދެއް 2021 ވަނަ އަހަރަށް ބަދަލު ކޮށްފައިވަނީ ވެސް ބަޖެޓު ފާސްކުރުމުގެ މަރުހަލާގައި ކަމަށާއި މިފަހަރުވެސް އެދިފައިވަނީ އެޕްރޮސެސް ކުރިއަށްގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރަށް އިތުރު 5.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބަޖެޓް ފާސްކޮށް ނުދީފިނަމަ މިއަހަރުގެ ބަޖެޓުގެ ހޭދަ ކަމަށްވާ 36.9 ބިލިއަން ރުފިޔާ ހަމަވުމުން ސަރުކާރުގެ އޮޕަރޭޝަންތަކަށް ބުރޫ އަރާނެ ކަމަށް ވެސް ސަރުވަޝް ވިދާޅުވިއެވެ.