ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 14:59
ފިހާރައަކުން ވައްކަންކުރި މީހެއް
ފިހާރައަކުން ވައްކަންކުރި މީހެއް
ޕޮލިސް މީޑިޔާ
ވައްކަމާއި ފޭރުން އިތުރުވުން
ވައްކަމާއި ފޭރުން ހައްދުން ނެއްޓިއްޖެ، ހައްލެއް ނެތް
ގޭގެއިންނާއި ފިހާރަތަކުންނާއި މަގުމަތިން ވައްކަން ކުރަމުންދޭ
ދިރިއުޅޭ މާހައުލަކީ ރައްކާތެރި ތަނަކަށް ވާންޖެހޭ
ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން ބަލައެއް ނުގަނެވޭ

ކޮންމެ މީހަކު ވެސް ދިރިއުޅޭ މާހައުލަކީ ރައްކާތެރި މާހައުލަކަށް ވާންޖެހެއެވެ. ބިރަކާ ނުލައި ދިރިއުޅެވެންޖެހެއެވެ. އެހެންނަމަވެސް ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ތަން ކަމުގައިވާ ވެރިރަށް މާލެއަކީ ރައްކާތެރި ތަނެއް ތޯއެވެ. މިތަނުގައި އުޅޭ މީހުންނަށް އެ ރައްކާތެރިކަން އިހުސާސްކުރެވޭ ހެއްޔެވެ. ހަނދާން ނެތިގެން ގެއެއްގެ ކުޑަދޮރު ނުލައްޕާ ބެހެއްޓުނަސް އަގުހުރި މުދާތަކެއް ގެއްލިގެން ދެއެވެ. ގެ ތަޅުލައި, ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިޔަސް ގެއަށް ވަދެ ވައްކަން ކުރެއެވެ. މަގުމައްޗަށް ނުކުތަސް ތިބެންޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަތުގައި އޮންނަ ފޯނު ނުވަތަ އަޅުވައިގެން ހުންނަ ދަބަސް ފޭރިގަނެގެން ދަނީއެވެ.

ދާދިފަހުން ވެސް މީހަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ ގެއަށް ވަދެ, އަގުހުރި މުދާތަކެއް ފޭރިގަނެފައިވާކަމަށް ބުނެފައެވެ. އެމީހާ އެ ގެއިން ވަގަށް ނެގި ތަކެތި ހިފައިގެން މާލެ މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް ވަނީ އާންމުކޮށްފައެވެ. އެއްވެސް ބިރެއްނެތި އެތަކެތި ހިފައިގެން މަގުމަތީގައި އުޅެއެވެ. މިގޮތަށް ކިތަށް މީހުންގެ އަގުހުރި މުދާތަކެއް ގެއްލިފައި ވެދާނެ ހެއްޔެވެ.

ފިހާރަތަކުން ވައްކަން ކުރުން ވެސް އިންތިހާއަށް އާންމުވެއްޖެއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކާރުބާރު ބޮޑު އަދި މީހުން ވެސް ގިނަ ވަގުތުތަކުގައި ފިހާރަތަކުގެ ތަޅު ހަލާކުކޮށްލައިގެން އެތަންތަނަށް ވަދެ, ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ފޭރިގަނެގެން ދެއެވެ. ފިހާރަ ހުޅުވާފައި ހުންނަ ވަގުތު ވެސް އެ ތަންތަނުން ވެސް ވައްކަންކޮށްގެން ދެއެވެ. ވިޔަފާރިވެރިންނަށް ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ.

މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. މަގުމަތިން ފޭރުމާއި, މީހުންނަަށް އޮޅުވާލައިގެން އެކި ނަންނަމުގައި ހިންގާ ސްކޭމްތައް ވެސް މިއަދު ވަނީ ހައްދުން ނައްޓާފައެވެ. މީހުންގެ އެކައުންޓުތަކުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގަންނަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހީ ހޯދުމުގެ ނަމުގަ އާއި އެކި އިދާރާތަކުގެ ނަމުގައި ގުޅައިގެން މީހުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލައެވެ.

މިހާ ހިސާބުން މިއަދު ގައުމުގެ ހާލަތު އޮތް ހިސާބު ސާފުވާނެއެވެ. ގައުމުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ހައްލު ނުވެ, މިކަންކަން އިތުރަށް ފުޅާވެގެންދާކަމީ ހިތާމަކުރާ ކަމެކެވެ. މާލޭގެ މަގުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ. އަދި ފުލުހުން ވެސް މަގުތައްމަތި ބަލަހައްޓަމުންދާއިރު މިފަދަ ކަންކަން ތަކުރާރުވުން ބަލައެއް ނުގަނެވެއެވެ. އަދި އެ ތަކެތި އަނބުރާ ހޯދަން އާންމު މީހާ ބޮޑު ތަކުލީފެއް އުފުލަންޖެހޭ ހިސާބަށް ކަންކަން ދިއުން ވެސް ބަލައެއް ނުގަނެވެއެވެ. މާލޭގެ މަގު މައްޗަކީ މިއަށްވުރެ ރައްކާތެރި ތަނަކަށް ވާންޖެހެއެވެ. ހިނގާބިގާވެ އުޅޭ މީހުންނާއި, ގޭގޭގައި ތިބޭއިރު ވެސް ރައްކާތެރިކަން އިހުސާސްކުރެވެންޖެހެއެވެ. ވިޔަފާރިވެރިން ފިހަރަ އާ ދުރަށްޖެހިލާ ކޮންމެ ފަހަރަކު ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިގެން ނުވާނެއެވެ. މިއަށްވުރެ ކަންކަން ރަނގަޅުވާން ވެއްޖެއެވެ.

- ކޮމެންޓް
3 ނޮވެންބަރ 2022 | ބުރާސްފަތި 00:03
ބޮޑުތަކުރުފާނު
ވައްކަން ކުރާ މީހުންގެ އަތްކަނޑާބަލަ ނިކަން