އިޓާލިއަން ލީގުގެ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަނެއްކާ ވެސް އަނިޔާވެއްޖެއެވެ.
އައު ސީޒަނަށް ޔުވެންޓަސް އަށް ބަދަލުވެ އެޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފައެވެ. އަދި އަނިޔާގެ ސަބަބުން ޕޮގްބާ ވަނީ ސާޖަރީ އެއް ވެސް ހަދާފައެވެ. ސާޖަރީގެ ސަބަބުން ޕޮގްބާ އަށް ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބެލުވުނު ނަމަވެސް، ދާދި ފަހުން އޭނާ ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. އެއާއެކު ފްރާންސްގެ ކޯޗު ބުނީ ޓީމުން ޕޮގްބާ އަށް އިންތިޒާރުކުރާނެ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ޕޮގްބާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް ޤަތަރު ވޯލްޑް ކަޕް ގެއްލޭނެ ކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ. ޕޮގްބާގެ އެޖެންޓް ރަފައެލާ ޕިމެންޓާއާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުގައި ބުުނެފައިވަނީ ޕޮޮގްބާ އަށް ލިބުނު އަނިޔާގެ ސަބަބުން ތިން ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ވޯލްޑް ކަޕުން ޕޮގްބާ ފެނުމުގެ ހުރިހާ ދޮރެއް މިހާރު ބަންދުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ދެ ވަނަ ފަހަރަށް ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވި ނަމަވެސް އަނިޔާގެ ސަބަބުން މިހާތަނަށް މި ސީޒަންގެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ. ޕޮގްބާ އަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމަކީ ފްރާންސް ޓީމަށް ލިބޭނެ ގެއްލުމެކެވެ. އޭނާ އަކީ ފްރާންސް އިން 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ. ޕޮގްބާގެ އިތުރުން ފްރާންސްގެ މެދު ތެރޭގައި އެންމެ މޮޅު ކުޅުމެއް ދައްކާ އެންގޯލޯ ކާންޓޭ އަށް ވެސް ވޯލްޑް ކަޕްގައި ނުކުޅެވޭނެއެވެ.