Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 17:09
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލް
ސަރުކާރުން ހުށަހެޅިގޮތަށް ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ބިލް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 72 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުން
ބިލާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވިއިރު އޭގެތެރޭގައި އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވާ

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ބިލް ހުށަހެޅި ގޮތަށް އެބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކޮށްފައިވަނީ ބިލަށް އިދިކޮޅުންނާއި އެމްޑީޕީ ތެރެއިން ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވެއެވެ. އިދިކޮޅުން އިސްލާހު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޝިޔާމެވެ. އެއީ މިހާރު ޓެކްސް ނަގާ ރޭޓްގައި ޓެކްސް ނެގުމަށެވެ. އެއިސްލާހު ފާސްކުރަން ނުފެންނަކަމަށް 56 މެމްބަރުން ވޯޓު ދެއްވިއެވެ.

އެމްޑީޕީން އިސްލާހުތައް ހުށަހަޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމެވެ. އާޒިމް ހުށަހެޅުއްވީ ތިން އިސްލާހެކެވެ. އެއީ ޓީޖީއެސްޓީ 14 އިންސައްތައަށް އިތުރުކުރުމަށާއި ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީ ބޮޑުނުކުރުމަށާއި ބޮޑުކުރާ ޓެކްސް ނަގަން ފަށާ ތާރީޚު އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް މިއިން އެއްވެސް އިސްލާހެއް ފާސްވެފައެއްނުވެއެވެ.

އެހެންކަމުން ދެން ވޯޓަށް އެހިގެން ދިޔައީ ސަރުކާރުން ބިލް ހުށަހެޅިގޮތަށް ފާސްކުރުމަށެވެ. ބިލް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 72 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވިއިރު އޭގެތެރޭގައި އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

އެމްޑީޕީ ތެރެއިން އިސްލާހުތަކެއް ހުށަހެޅުމުން އެކަމާ ދެކޮޅަށް މެމްބަރުން ޝުއޫރުފާޅުކުރައްވާފައިވާއިރު ބިލް ކޮމިޓީގައި ދިގުދަންމާތީ އެކަމުގެ ކަންބޮޑުވުންވެސް އެމްޑީޕީ މެމްބަރުން ވަނީ މީގެކުރިން ފާޅުކުރައްވާފައެވެ.

Advertisement

ބިލް ފާސްވުމާއެކު ކޮމިޓީގެ މުގައްރިރަކަށް އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ފަހުން ކޮމިޓީ ބައްދަލުވި ދުވަހު އެމްޑީޕީގެ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް އަރިހު ހޯމަ ދުވަހު މިބިލްގެ މަސައްކަތް ނިމޭނެކަމަށް ދެންނެވިކަމަށެވެ. ނަޝީދު ވިދާޅުވީ އަންގާރަ ދުވަހު ކޮމިޓީ ރިޕޯޓް މެމްބަރުންނަށް ފޮނުއްވާނެކަމަށާއި ގަވާއިދުގައިވާ ގޮތުގެމަތިން ވަގުތު ދިނުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރެވޭނެކަމަށެވެ.

ޓެކްސް ބޮޑުކުރުމާއި އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދެވިއިރު ބިލް ދިރާސާކުރުމަށް ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމާއި ގުޅޭގޮތުންވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އަދި ކޮމިޓީގެ މުގައްރިރަކަށް އިންނެވި މަޖިލީހުގެ ރައީސް ކޮމިޓީ ގެންދަވަނީ ގަވާއިދާ ޚިލާފަށްކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

އެކަމަށް ރައްދުދެއްވާ ހޯމަ ދުވަހުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކަންކަން ގެންދަވަނީ ގަވާއިދުގައިވާ ގޮތުގެމަތިންކަމަށެވެ.

މެމްބަރުންނަށް އިނގިވަޑއިގަންނަވަންވީ އެއްޗެއް. އަޅުގަނޑު މިތާ އިނދެ އެހެން ގޮތަކަށް ކަމެއް ކުރަން އުޅެނީ ނަމަ އަދި ކުރާނީ މާ އެހެން ގޮތަކަށް. އެއްގޮތަކަށްވެސް މިކަންކަމާއި ކަންބޮޑުވެލައްވާނެކަމެއް ނެތް. މިމަޖިލީހުގެ ކަންކަން ގެންދަންޖެހޭނީ ގަވާއިދުގައިވާ ގޮތުގެ މަތިން. މިމަޖިލީހުގެ ކަންތައް ގެންދަންޖެހޭނީ ވަކި ސަރުކާރަކަށް ވަކި ސިޔާސީ ޕާޓީއަކަށް ފަހިވާގޮތަކަށެއް ނޫން. އިއްޒަތްތެރި މެމްބަރުން ރުހިވަޑައިނުގަތަސް އަދި ރުހިވަޑައިގަތަސް އިރާދަކުރައްވިއްޔާ މިމަޖިލީހުގައި އެކަން ހިނގަމުންދާނީ އެގޮތަށް.
ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ ފަރާތުން އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގައި ވަނީ މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށެވެ. އަދި މިގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ބިލްގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު ބަޖެޓްގައިވާ ގޮތުން ޓެކްސް ބޮޑުކޮށްގެން އަންނަ އަހަރު 3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް