އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ލުކާކޫ އަށް އަނިޔާވެފައިވަނީ އިންޓަ އިން އާދިއްތަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިންނެވެ. އިންޓަ އިން ތައްޔާރުވަމުން އަންނަނީ ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނާށެވެ. އެ މެޗަށް އިންޓަ އިން ކުރިމަތިލާއިރު، އެ ޓީމު މިހާރު ވެސް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފައެވެ.
ފަރިތަކުރުމުގެ ތެރެއިން ލިބުނު އަނިޔާގެ ސަބަބުން ލުކާކޫގެ އިތުރު މެޑިކަލް ޓެސްޓުތަކެއް ވަނީ ހޯމަ ދުވަހު ހަދާފައެވެ. އަދި އެ ޓެސްޓުތަކުން ދެއްކި ގޮތުގައި ލުކާކޫގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އަނިޔާގެ ސަބަބުން ލުކާކޫ އަށް އިންޓަ އިން ބަޔާނާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެއެވެ.
ނަމަވެސް، އަނިޔާ އިން ރަނގަޅުވެ އަންނަ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަަޕަށް ލުކާކޫ ފިޓުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ލުކާކޫ އަށް އަނިޔާވި ދެ ވަނަ ފަހަރެވެ.
ލުކާކޫ އިންޓަ އަށް ކުޅެމުން އަންނަނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީގައި ހުރުމަށްފަހު ލޯނު އެއްބަސްވުމުގެ ދަށުން ލުކާކޫ އިންޓަ އަށް ގުޅުނީ މިއަހަރުގެ ތެރޭގައެވެ. ދެ ވަނަ ފަހަރަށް އިންޓަ އަށް ބަދަލުވެ އޭނާ ވަނީ އެ ޓީމަށް ކުޅެދިން ފަސް މެޗުން ދެ ލަނޑު ޖަހާފައެވެ.