ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 16:08
އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ
އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ
އެމްޓީސީސީ
އެމްޓީސީސީ
ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.62 މިލިއަން ރުފިޔާއަށް
މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
މި މަޝްރޫއުގެ ސަބަބުން ނޭކުރެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލު ލިބޭނެ

ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

ނޭކުރެންދޫގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47،621،920.40 (ސާޅީސް ހަތް މިލިއަން ހަ ލައްކަ އެކާވީސް ހާސް ނުވަސަތޭކަ ވިހި ރުފިޔާ ސާޅީސް ލާރި) އަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށެވެ.

އެމްޓީސީސީން ބުނާ ގޮތުގައި އެ ނޭކުރެންދޫގެ ބަނދަރު ކުޑަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އެ ރަށުގެ އޮޑިދޯނިފަހަރުތަކަށް ދަތިވާ ކަމަށެވެ. އެގޮތުން، ރަށުގައި މުދާ އުފުލާ ބޮޑު ދެ ބޯޓު އޮންނައިރު ދެ ބޯޓު ބަނދަރުގައި އަޅައިފިނަމަ އެހެން ޑިންގީތަކާއި ފެރީތަކަށް ވަދެ ނުކުމެ ހަދަން ދަތިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން ބާވެފައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި ޖާގަ ތަނަވަސް ޒަމާނީ، ރީތި ބަނދަރެއް ލިބިގެންދާނެ ކަމަށާއި އެއާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 366 މީޓަރުގެ ބޭރުތޮށި ލުމާއި 212 މީޓަރުގެ އެގަމު ތޮށި ލުމާއި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ އިތުރުން ރޭމްޕެއް ހެދުމާއި ބޮއެ ހަރު ކުރުމާއި ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަމަންޓަލް އިމްޕެެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް އެމްޓީސީސީން ހަދާނެއެވެ.

- ކޮމެންޓް