ކީކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން ވިލަރެއާލް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މިއީ ވިލަރެއާލްގެ ކޯޗުކަމަށް ސެޓިއެން ހަމަޖެއްސި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ވިލަރެއާލްގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި އުނާއި އެމެރީ އެ ޓީމު ދޫކޮށްލުމުންނެވެ.
އެތުލެތިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން ވިލަރެއާލް ބަލިވީ 0-1 އިންނެވެ. ބިލްބާއޯގެ ކޯޗަކަށް ހުރީ އާނެސްޓޯ ވަލްވާޑޭއެވެ. މި ދެ ކޯޗުންނަކީ ކުރިން ސްޕެއިންގެ ބާސެލޯނާ އަށް އިރުޝާދު ދިން ދެ ކޯޗުންނެވެ. ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ހަމަޖެއްސީ އެ މަގާމުން ވަލްވާޑޭ ވަކިކުރުމަށްފަހުއެވެ. ދެ ކޯޗުންނަށް ވެސް ޓީމު ދޫކޮށްލަން ޖެހުނީ ބާސެލޯނާގެ ނަތިޖާ ދަށްވުމުގެ ސަބަބުންނެވެ.
ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ފެނުނީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނެޓުގައި ރައުލް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ބިލްބާއޯގެ ލަނޑު ޖެހީ އިނާކީ ވިލިއަމްސްއެވެ.
މެޗުން މޮޅުވެ ބިލްބާއޯ އޮތީ 12 މެޗުން 21 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނަ މަގާމުގައެވެ. މެޗުން ބަލިވި ވިލަރެއާލް އޮތީ 12 މެޗުން 18 ޕޮއިންޓާއެކު އަށް ވަނައިގައެވެ.