ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 18:23
އަމީނީ މަގު
އަމީނީ މަގު
އިދުހާމް ނަޢީމް
އަމީނީ މަގު
އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ
އަމީނީ މަގުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އާރުޑީސީއާ
މި މަސައްކަތް ކުރިއަށްގެންދަނީ އެކި ސެގްމަންޓުތަކަށް ބަހާލައިގެން
ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން

މާލޭސިޓީގެ އަމީނީ މަގު ޒަމަނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ދެވަނަ ސެގްމަންޓުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އެގޮތުން، މިހާރު ކުރަމުން އަންނަނީ ފުރަތަމަ ސެގްމަންޓުގެ މަސައްކަތެވެ. އެއީ އަމީނީ މަގުން އިރުދޭމާ ހިނގުމުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތެެވެ.

އާރުޑިސީން ވަނީ ފުރަތަމަ ސެގްމަންޓުގެ ދަށުން މަގުގެ ދެ ފަރާތުގައި ޖެހެހުމަށް ބޭނުންވާ ކަރބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތާއި ކޭބަލް ޓްރޭ އެޅުމުގެ މަސައްކަތް ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމުކޮށް ތާރު އެޅުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައް ވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފުރަތަަމަ ސެގްމަންޓުގެ މަސައްކަތް ނިންމައި ދެވަނަ ސެގްމަންޓުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން، އެ މަސައްކަތް ފެށުމަށް އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ކަންމައްޗާ ހިސާބު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަންދުތައް ނަގައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ދެވަނަ ސެގްމަންޓުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފައިވަނީ 136 މީޓަރުގެ ސަރަހައްދެއްގައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އެޅުމަށް އަމަލީ މަސައްކަތް އާރުޑީސީން ފެށީ 12 ސެޕްޓެމްބަރު 2022 ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރްޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.

މި މައްސަލަތަކުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގަސްތައް ނަގަން އެ ކުންފުނިން ނިންމައި އެ މަސައްކަތް ފެށުމުން ގަސްތައް ކެނޑުމާ ދެކޮޅު ހަދައި އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކަރ އިން އާރުޑީސީއާ މި މަސައްކަތް ހަވާލު ކުރީ 210 ދުވަސް ނުވަތަ 7 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސާވޭ އާއި ޖިއޯޓެކްނިކަލް ސާވޭ އަދި ހައިޑްރޮޖިކަލް ސާވޭގެ އިތުރުން އީއައިއޭ ވަނީ ހަދާފައެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމް ޑިޒައިން ކޮށްފައިވަނީ އަމީނީމަގުގެ ދެފާރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ރިޢާޔަތްކޮށް މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.

އަމީނީމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް، ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގްޝަންތަކެއް ވެސް ބަހައްޓާނެއެވެ.

- ކޮމެންޓް