މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 އާދިއްތަ ދުވަހު ބަނޑޮސް މޯލްޑިވްސްގައި ފަށައިފިއެވެ.
މި ކޮންފަރެންސްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކޮންފަރެންސް ކުރިއަށްދާނީ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަހު އަލިއަޅުވާލަން ހަމަޖެހިފައިވަނީ ދިމާވާ އެކި ކަންތައްތަކުގެ މައްޗަށް ކަމަށާއި އަދި ދެވަނަ ދުވަހު އެކަންތައްތައް ހައްލު ކުރުމަށް ނުވަތަ ޖަވާބުދާރީ ކުރުވުމަށް ކުރާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އޭސީސީ އިން ބުނެއެވެ.
މި ކޮންފަރެންސްއަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެންޓި ކޮރަޕްޝަނުން ކޮމިޝަނުން ބާއްވާ ކޮންފަރެންސަކަށްވާއިރު މި އަހަރު ކޮންފަރެންސް ބާއްވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާ ގުޅިގެންނެވެ.
ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވެސް ކޮންފަރެންސްގެ ތެރެއިން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވޭނެއެވެ.
މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގެ ތީމެއްގެގޮތުގައި އޭ.ސީ.ސީ އިން ކަނޑައަޅާފައިވަނީ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން" މިއެވެ.
ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެސް.އޯ.އީތަކާ ގުޅުންހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސް.އޯ.އީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާއި އެސް.އޯ.އީތަކާ ގުޅޭގޮތުން ހުރި ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.