ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުމާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ދެކޮޅުކަން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑް ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ރާއްޖެއިން އދ.ގައި ވޯޓު ދޭން ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
މި ދަނޑިވަޅުގައި ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔައި އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ވަނީ، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް މީގެ ކުރިން ރާއްޖެއިން ދެކޮޅުހަދަމުން ގެންދިޔައީ ސަބަބެއް ނެތިއެއް ނޫންކަމަށެވެ. އެއީ އިނގިރޭސިންގެ އަތްދަށުން މޮރިޝަސް މިނިވަންވީއިރު ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީއާއި، ފޯޅަވަހި މޮރިޝަސްގެ އަތްދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެމްއާރުއެމްއިން ބުނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބުނާގޮތުން، ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވާކަމަށެވެ. މީގެ ކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައި ނުވާނެކަމަށާއި، އަދި 2019 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް އޮތުމަށްފަހު، އެ ސިޔާސަތަށް ބަދަލު އައި ސަބަބުހާމަނުވާތީ އެމްއާރުއެމްއިން ވަނީ އެކަން ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދ ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން އެމްއާރުއެމްއާވެސް އެކަންކަން ހިއްސާކޮށްފައިނުވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ
ސަރުކާރުގެ މި ނިންމުމާއެކު އިގްތިސާދީގޮތުން ދިވެހި އާއިލާތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. މިކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ބަހެއްވެސް ހޯދާފައިނުވާތީ ކަންބޮޑުވާކަމަށާއި، މިކަމުންގެ ފަންނީ މާހިރުން ދިވެހިންގެ ތެރޭގައި ތިބެމެ އެމީހުންގެ ލަފާވެސް ހޯދާފައިނުވާތީ ހިތާމަކުރާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދެއް ނުކުރާނެކަމަށާއި، މިކަމުގެ ސައްހަ މައުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކުރުމަށް އެމްއާރުއެމްއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.