ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 09:01
ކީކޭ ސެޓިއެން
ކީކޭ ސެޓިއެން
ޓްވީޓަރ
ސެޓިއެން
ބާސެލޯނާއިން އަދިވެސް އަހަރެންނަށް ފައިސާ ދޭން ޖެހޭނެ: ސެޓިއެން
ސެޓިއެން ބުނީ ބާސެލޯނާއަކީ އޭނާ ކޯޗުކަން ކޮށްދޭން އެންމެ ބޭނުންވި ކުލަބުކަމަށް

ބާސެލޯނާއިން އަދިވެސް އޭނާއަށް ދޭން ޖެހޭ ފައިސާ އޮންނާނެކަމަށް، އެ ޓީމުގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

ސެޓިއެން މިހެން ބުނީ ވިލަރެއާލްގެ ކޯޗުކަމަށް އޭނާ ހަމަޖެއްސުމާއެކުއެވެ. ބާސެލޯނާއިން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން އާނެސްޓޯ ވަލްވާޑޭ ވަކިކުރުމަށްފަހު އެ މަގާމަށް ސެޓިއެން ހަމަޖެއްސީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެންމެ 8 މަސް ދުވަސް ފަހުން އެ ޓީމުން ވަނީ އޭނާ ވަކިކޮށްފައެވެ.

ސެޓިއެން ބުނީ ބާސެލޯނާއަކީ އޭނާ ކޯޗުކަން ކޮށްދޭން އެންމެ ބޭނުންވި ކުލަބުކަމަށެވެ. އަދި އެއީ އޭނާގެ ހުވަފެނެއް ކަމަށްވެސް ސެޓިއެން ބުންޏެވެ. ސެޓިއެން ބުނީ އޭނާވެސް ކަންތައް ކުރަންވީ ރެއާލް މެޑްރިޑުގައި ކަމަޗޯ ކަންތައްކުރި ގޮތަށް ކަމަށެވެ.

ބާސެލޯނާއިން އަދިވެސް އަހަރެންނަށް ފައިސާ ދޭން ޖެހޭނެ. ބާސެލޯނާއަކީ އަހަރެން ކޯޗުކަން ކޮށްދޭން އެންމެ ބޭނުންވި ޓީމު. އެއީ އަހަރެންގެ ހުވަފެނެއް. އަހަރެންވެސް ކަންތައް ކުރަންވީ ކަމަޗޯ ކަންތައްކުރި ގޮތަށް.
ކީކޭ ސެޓިއެން

ބާސެލޯނާއިން ސެޓިއެއް މަގާމުން ވަކިކުރީ އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބަޔާން މިއުނިކް އަތުން 8-2ން ބަލިވެފައެވެ. އެއީ 74 އަހަރު ތެރޭގައި ބާސެލޯނާ ކޮޅަށް އަށް ލަނޑު ވަތް ފުރަތަމަ މެޗެވެ. އަދި 1951 ވަނަ އަހަރުގެ ފަހުން ހަ ލަނޑުގެ ތަފާތަކުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

ވަޒީފާއިން ވަކިކުރުމުންވެސް ސެޓިއެން ބުނީ ބާސެލޯނާއިން އޭނާގެ އެއްބަސްވުން އުވާލީ އުސޫލާ ޚިލާފަށް ކަމަށެވެ.

- ކޮމެންޓް