ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 20:59
ޗެމްޕިއަން އެމްވީ ޔުނައިޓެޑުން ތަށި އުފުލާލަނީ: ފޮޓޯ-ރާއި
ޗެމްޕިއަން އެމްވީ ޔުނައިޓެޑުން ތަށި އުފުލާލަނީ: ފޮޓޯ-ރާއި
އޭދަފުށި ކަޕް 2022
އޭދަފުށި ކަޕްގެ ޗެމްޕިއަންކަން ހޯދީ ހަމްޕުއާއި, ހައިޝަމްއާއި ނަޒީމް ކުޅުނު އެމްވީ ޔުނައިޓެޑް
ފައިނަލް މެޗު ކާމިޔާބުކުރީ 4-1 ން

އޭދަފުށި ކަޕްގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑް ހޯދައިފިއެވެ. ފަސް ޓީމް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑުން ހޯދީ ފައިނަލްގައި ހުސް ސޮންގ ފުޓްބޯޅަ ޓީމް ބަލިކޮށްގެންނެވެ. ފައިނަލް މެޗު އެމްވީ ޔުނައިޓެޑުން ކާމިޔާބުކުރީ 4-1 ނެވެ.

ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު, ދެވަނަ ހާފްގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ މެޗަކުން ބަލިނުވެ ލީގު ބުރުގެ އެއްވަނަ ހޯދައިގެން ފައިނަލުން ޖާގަ ހޯދި ހުސް ސޮންގ ފުޓްބޯޅަ ޓީމުންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ މުޙައްމަދު އަޖުފާންއެވެ. އެމްވީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ގްރީން ސްޓްޜީޓްސްގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓް) އެވެ. އެމްވީ ޔުނައިޓެޑަށް ދެން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަންއެވެ. ހައިޝަމް ފައިނަލް މެޗުގައި ދެ ލަނޑު ޖެހިއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑްގެ މަޤާމާއި, ޓޮޕް ސްކޯރަރގެ މަޤާމްވެސް ހޯދީ ޤައުމީ ޓީމްގެ ޑިފެންޑަރ ހައިޝަމްއެވެ. އޭނާ ވަނީ މުބާރާތުގައި 13 ގޯލް ޖަހާފައެވެ.

ޓޮޕް ސްކޯރަރ ހައިޝަމްއަށް ރަންބޫޓް ހަވާލުކުރަނީ: ފޮޓޯ-ރާއި

19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބޮޑު އިސްކަމެއް ދިން މުބާރާތުގެ އެއުމުރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހުސް ސޮންގ އެފްޓީގެ އަހުމަދު ފާތިންއެވެ. އެންމެ މޮޅު ކީޕަރަކީ އެޓީމްގެ އަހުމަދު ޝާހިދުއެވެ. އެންމެ މޮޅު ޑިފެންޑަރަކީ ހުސްސޮންގެ ޝަމްވީލް މުޙައްމަދު (ބޮންޑާ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ސެމީފައިނަލްގައި ބަލިވި ވެލާ ސްޕޯރޓްސްގެ ޝާހީ މޫސާއެވެ. ފެއަރޕްލޭ ޓީމަކީ ރަނަރަޕް ހުސް ސޮންގ އެފްޓީއެވެ.

ޗެމްޕިއަންކަން ހޯދި އެމްވީ ޔުނައިޓެޑަށް ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ މުޙައްމަދު އުމެއިރުވެސް ކުޅުނެވެ. ހުސް ސޮންގ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމްގެ މިޑްފީލްޑަރ އިބްރާހީމް ވަހީދު (އިއްބެ) އާއި ކުރިން ޤައުމީ ޓީމަށް ކުޅުނު އިޝާން އިބްރާހީމް (ސައްޓު) ހިމެނެއެވެ.

މިއީ އޭދަފުށި ކައުންސިލުން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މުބާރާތް ރާވާ ހިންގީ ކްލަބް އޭދަފުށިންނެވެ.

- ކޮމެންޓް