ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 13:32
މުފްތީ މެންކް ޚުތުބާ ވިދާޅުވަނީ
މުފްތީ މެންކް ޚުތުބާ ވިދާޅުވަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ހަމައެކަނި މުދާވެރިވެގެން ބާއްޖަވެރި ވާކަމުގައިވާނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވީސް: ޚުތުބާ
ބާއްޖަވެރިކަން މާނަ ކުރުމުގައި ވެސް އެކި މީހުންގެ ވިސްނުން ތަފާތު
މާތްﷲ އަށް އީމާން ނުވާނަމަ އެއީ ޙަޤީޤީ ބާއްޖަވެރިކަމެއް ނޫން
ބާއްޖަވެރިކަން ބޭނުންވާނަމަ، އީމާންކަމާއި މާތްﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި އަވަސްވެގަންނަން ޖެހޭ

ހަމައެކަނި މުދާވެރިވެގެން ބާއްޖަވެރި ވާކަމުގައިވާނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވީސްކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މާލޭ އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ޚުތުބާ ދެއްވާފައިވަނީ މުފްތީ މެންކެވެ. އެގޮތުން މުފްތީ މެންކް ދެއްވި ޚުތުބާގައި ވަނީ އަނެކުންނަށް އޯގާތެރިވުމާއި، މާތްﷲ ގެ ރުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހަނދުމަ ކޮށްދެއްވާފައެވެ.  

"ހަގީގީ ބާއްޖަވެރިކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ، މީސްތަކުންގެ ހިޔާލާއި ފިކުރު ތަފާތު ފަދައިން، ބާއްޖަވެރިކަން މާނަ ކުރުމުގައި ވެސް އެކި މީހުންގެ ވިސްނުން ތަފާތު ކަމަށެވެ. އެގޮތުން ބާއްޖަވެރިކަމަކީ މުއްސަނދިކަން ނުވަތަ ބޭނުންވާ ކަންކަން ޙާސިލުވުން ކަމުގައި ބައެއް މީހުން ދެކޭއިރު، ބާއްޖަވެރިކަމަކީ ހަމައެކަނި އެއީތޯ ވިސްނާލަން ޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހަމައެކަނި މުދާވެރިވެގެން ބާއްޖަވެރި ވާކަމުގައިވާނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ނޫންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ. އެހެންނަމަވެސް ދުނިޔެމަތީގައި ކިތަންމެ ބާރަކާއި ޖާހެއް ލިބުނުކަމުގައިވިޔަސް، މާތްﷲ އަށް އީމާން ނުވާނަމަ އެއީ ޙަޤީޤީ ބާއްޖަވެރިކަމެއް ނޫންކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ޙަޤީޤީ ބާއްޖަވެރިކަމަކީ މާތްﷲ އަށް އީމާންވެ، އެކަލާނގެ ނުރުއްސެވި ކަންކަމާއި ދުރުހެލިވެ އުޅުމުން މާތްﷲ އެމީހެއްގެ ހިތުގައި ލައްވާ ހަަމަޖެހުމާއި އުފާވެރިކަމުގެ ޝުއޫރެއް ކަމަށެވެ. އެއީ އެއްވެސް ގޮތަކަށް މާއްދީ ގޮތުން ޙާސިލު ކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަން ހަރުދަނާވުމާއި، ކިޔަމަންތެރިކަން ކަމުގައި ވެސް ޚުތުބާގައި ވަނީ ބަޔާން ކުރައްވާފައެވެ. އެކަންކަން މާތް ނަބިއްޔާގެ އިރުޝާދުތަކުން ވެސް ދޭހަވާކަމަށް ޚުތުބާގައި ބުނެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މާތްﷲ ހަނދުމަކުރުން ވެސް ބައެއް މީހުން ހަނދާނުގައި ނުހުންނަ ކަމަށެވެ. އެގޮތުން ފަރުޟު ފަސް ނަމާދު ކުރަން ވެސް ހަނދާން ނުހުރުން އޭގެ މިސާލެއްގެ ގޮތުގައި ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް ބާއްޖަވެރިކަން ލިބޭނީ ކިހިނެއްތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ. މިސާލެއްގެ ގޮތުން ވަޒީފާއަށް ދިއުމަށް ހެނދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާ ކުރެވެނީ ކިތައް މީހުންނަށްތޯ ސުވާލު ކުރަމުން ޚުތުބާގައި ބުނީ، އުފާވެރިކަމާއި ބާއްޖަވެރިކަން ބޭނުންވާނަމަ، އީމާންކަމާއި މާތްﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި އަވަސްވެގަންނަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ﷲ ތަޢާލާއާމެދު ހިތްތަކުގައި އޮންނަ ޔަޤީންކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއްކަން ބަޔާންކޮށް ޚުތުބާގައި އިތުރަށް ބުނީ، އެ ޔަޤީންކަން ލިބޭނީ ހަމައެކަނި އީމާންކަމުން ކަމަށެވެ. އެގޮތުން އެ ޔަޤީންކަން ލިބުމުން ނަފްސާމެދު ޔަޤީންކަން އުފެދި، ޙަޔާތުގައި ދިމާވާ އެކި ކަންކަމާމެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެކަމަށް ޚުތުބާގައި ބުނެއެވެ.

- ކޮމެންޓް