ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންމެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މަސްތުވާތަކެތީގެ މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، ފުލުހުން ހޯދާފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ. އެގޮތުން ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތް ވަގުތުތަކުގައި ފުލުހުން ބަލާފާސްކުރާނެކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.