ގުދުރަތްތީ ކަންކަން ބޭނުންކޮށްގެން އުމްރާނީ ތަރައްގީ ހޯދެން އެބައޮތްކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމަށް ބުރާސްފަތި ދުވަހު ކުރަމަތި ރިސޯޓުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ކައުންސިލްތަކުން ވަރަށް ގިނައިން ތަރައްގީގެ އިންފްރާސްޓްރަކްޗަރގެ ވާހަކަ ދައްކާކަމަށާއި، އޭގެތެރޭގައި މަގު ހެދުމާއި ބަނދަރު ހެދުން ހިމެނޭކަމަށެވެ.
ކޮންކްރީޓްގެ އެކި ބިނާތައް ރާއްޖޭގެ ރަށްތަކުގައި ގަތަމުން ދިޔުން އެއީ ތަރައްގީކަމަށް ސިފަކުރެވޭ ކަމަށް ހީކުރެވުނަސް، ގުދުރަތީ ރޭވުމާއި އުފެދުމާއެކީގައި މަސައްކަތް ކުރަމުން ދިޔުމުން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަަރެއް ހެދުމަށް ކުރަން ޖެހޭ ހޭދަ ވަރަށް ކުޑަކަމަށާއި، އޭގެ ބަދަލުގައި ބަނދަރު ހެދުމަށް ވަރަށް ގިނަ އަދަދަކުން ފައިސާ ޚަރަދު ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ގުދުރަތީ ކަންކަން އެއީ އުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ތަރައްގީއަކީ ގުދުރަތީ ކަންކަމާއެކު ގެންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ފޮތް އެ މަގަށް ވިސްނުން ގެންގޮސްދޭކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ފޮތް ލިޔުއްވި ޑރ. އާމިނަތު ޝާފިޔާ ވަރަށް ބޮޑު މަސައްކަތެއް ކުރައްވާފައިވާކަމަށާއި، މި ފޮތުގައި ގުދުރަތީ ރީތިކަން ކުރެހުންތެރިކަން ގަލަމުން ދައްކުވައިދީފައިވަނީ އަޖައިބުވާހާ ރީތިކޮށްކަމަށް ނަޝީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތްތަކުގެ ދިރުން ހޯދައި، ނަގައި، މައުލޫމާތު އެއްކުރަމުން އިންސާނުން އަންނަތާ ޒަމާންތަކެއްވެއްޖެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މީގެކުރިންވެސް ރާއްޖޭގައި ރާއްޖޭގެ ފަތްޕިލާވެއްޔާއި ގަސްގަހާގެހިީގެ ދިރުންތަކުގެ މައުލޫމާތު ހޯދަމުންދިޔަކަމަށެވެ.
ފޮތުގައި 65 ގަހުގެ ބާވަތްތަކުގެ ވާހަކަ ހިމަނާފައި އޮތްނަމަވެސް ޑރ. ޝާފިޔާ ކުރަމަތި ރިސޯޓުގައި ހުރި 200 ބާވަތުގެ މައުލޫމާތު ހޯއްދަވާފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ގަސްތަކުން ލިބޭ ބޭސްވެރިކަމުގެ މައުލޫމާތާއި ގަސްތަކުގެ ޖެނެޓިކްސްއާ ހަމައަށް ތަހުލީލު ނުކުރާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ މަޝްވަރާތައް ޑރ. ޝާފިޔާ މިހާރު ފައްޓަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ރައީސް ނަޝީދު ވަނީ ފޮޓޯ އެގްޒިބިޝަން ބައްލަވާލައްވާފައެވެ. ފޮތުގައި ކުރަހާފައި ހުރި ގަސްތަކުގެ ފޮޓޯތައް އެގްޒިބިޝަންގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.