"ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރެފިއެވެ.
ބުރާސްފަތި ދުވަހު ކުރަމަތި ރިސޯޓުގައި އޮތް ޚާއްސަ ހަފްލާއެއްގައި މި ފޮތް ނެރެދެއްވީ ޑިރެކްޓަރ އޮފް ޔުނިވަރސަލް އެންޓަރޕްރައިޒަސް އަލީ ނޫރައްދީނާއި ފޮތް ލިޔުއްވި ޑރ. އައިމިނަތު ޝާފިޔާއެވެ.
މި ފޮތް ނެރެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓާއި އޯޝަން ޕަބްލިޝަރޒް ގުޅިގެންނެވެ.
މި ހަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މުހައްމަދު އުމަރު މަނިކަށް ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް އެބޭފުޅާ ވަނީ ހަފްލާގައި ވީޑިއޯ އިންޓަވިއުއެއް ދެއްވާފައެވެ. މި އިންޓަވިއުގައި މަނިކު ވިދާޅުވީ، މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ގަސްތަކުގެ ނަންތައް އެނގެންޖެހޭނެ ކަމަށެވެ. އަދި މި ބާވަތުގެ މަސައްކަތް ކުރިއަތް އޮތް ތަނުގައިވެސް ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. މިއީ މިކަހަލަ މަސައްކަތެއްގެ ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ
ޑރ. އައިމިނަތު ޝާފިޔާ ވިދާޅުވީ މި ފޮތް ހެދުމުގެ ވިސްނުން އައިސްފައިވަނީ އަލީ ނޫރައްދީންގެ ސަބަބުން ކަމަށެވެ. މިއީ މިކަހަލަ ފޮތެއް ރިސޯޓުން ނެރުނު ފުރަތަމަ ފަހަރު ނޫންކަމަށާއި، ތިމާވެއްޓާ ގުޅުންހުރި ގިނަ ކަންތައްތައް މި ރިސޯޓުން ކުރަމުންދާކަމަށް ޝާފިޔާ ވިދާޅުވިއެވެ.
ޝާފިޔާ ވިދާޅުވީ ރިސޯޓުގައި އެންމެ ފާހަގަކުރެވުނު ކަމަކީ 300 އަހަރުވީ ނިކަ ގަހެއް ހުރުން ކަމަށެވެ. މިއީ ވަރަށްވެސް ޝައުގުވެރިކަން އިތުރުވި ކަމެއްކަން ފާހަގަކުރައްވައި ޝާފިޔާ ވިދާޅުވީ، މި ދާއިރާގެ ތެރޭގައި ފެށުނީއްސުރެން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ފޮތުގައި ހިމެނިފައިވަނީ ރިސޯޓުގައި ހުރި 65 ގަހާބެހޭ މައުލޫމާތެވެ. އަދި މި ފޮތުގެ ޒަރީއާއިން، ގަސްތަކުގެ ބޭނުމާއި މިފަދަ ގަސްތައް ހެއްދޭނެ ސަރަހައްދުތަކުގެ މައުލޫމާތުވެސް ހިމަނާފައިވާނެކަމަށް ޝާފިޔާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑރ. ޝާފިޔާ ވިދާޅުވީ، މިއީ 337 ސަފްހާގެ ފޮތެއްކަމަށާއި، މި ފޮތް ލިޔުއްވަން ގާތްގަނޑަކަށް ހަ މަސް ދުވަސް ހޭދަކުރެއްވިކަމަށެވެ.
ޝާފިޔާ ވިދާޅުވީ، މި ފޮތުގައި ދިވެހި އާޓިސްޓުން ގަސްތައް ކުރަހާފައިވާ ކަމަށެވެ. އަދި ފޮތް ނެރުމަށް ގާތްގަނޑަކަށް އެއް އަހަރު ހޭދަވި ކަމަށެވެ.
މިފަދަ ފޮތެއްގެ ސަބަބުން ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ހުރި ގަސްތަކުގެ މައުލޫމާތު އެނގި، ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ.
މިފޮތް މިހާރު ކުރަމަތި އައިލެންޑް ރިސޯޓުން ލިބެން ހުންނާނެއެވެ. ޑރ. ޝާފިޔާއަކީ މީގެކުރިން ވެސް އެކި ފޮތްތައް ލިޔުއްވާފައިވާ ބޭކަނބަލެކެވެ.